އަހުމަދިއްޔާގެ އާ ސްކޫލް އިމާރާތް ކުރަން ހުޅުމާލެ އިން ބިމެއް

ހުޅުމާލޭގައި އާ ސްކޫލެއް އިމާރާތް ކުރުމަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ބިމެއް ދޫކުރަން ސަރުކާރުބް ނިންމައިފި އެވެ.
އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހު މިއަދު ވިދާޅުވީ، ހުޅުމާލެ 1 ގައި އިތުރު ސްކޫލެއް އިމާރާތް ކުރަން ނިންމައި، އެޑިއުކޭޝަން މިނިސްޓްރީއާ މިދިޔަ ހަފުތާގައި އެ ބިން ހަވާލުކޮށްފައިވާ ކަމަށެވެ.
އެކަމަކު، އެ ބިން އަހުމަދިއްޔާއާ ހަވާލުކުރާނީ މިނިސްޓްރީންނެވެ.
ސްކޫލުތައް އިމާރާތް ކުރުން ފަދަ ކަންކަމަށް ހުޅުމާލެ އިން ބިން ދޫކުރަނީ ހިލޭ އެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު "މިހާރު" އަށް ވިދާޅުވީ އާބަންކޯ އިން ބިން ހަވާލުކުރިކަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
މި ހަފުތާގެ ތެރޭގައި މިނިސްޓްރީން، ސްކޫލާ ބިން ހަވާލުކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރަޝީދު ވިދާޅުވި އެވެ. އެއާ އެކު، 43،000 އަކަފޫޓުގެ އެ ބިމުގައި އިމާރާތްކުރާ ސްކޫލުގެ މަސައްކަތްތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް މާލޭގައި ހިންގާ ސްކޫލްގެ ކޮންސެޕްޓަށް އާ ތަނުގައި ކިޔަވައިދޭނީ. އެއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް. ހަމަ އެއް މެނޭޖްމަންޓެއް އޮންނާނީ. ތަފާތަކަށް އޮންނާނީ މިހާރުގެ ސްކޫލަށް ވުރެ ޖާގަ ތަނަވަސް ވުން،" ރަޝީދު ވިދާޅުވި އެވެ.
ސެންޓްރަލް ޕާކް ސަރަހައްދުން އަހުމަދިއްޔާ އަށް ހަމަޖެއްސީ މިހާރު މާލޭގައި ހިންގާ ސްކޫލްގެ ޖާގައަށް ވުރެ ހަތަރު ގުނަ ބޮޑު ތަނެކެވެ.
މާލެ ސަރަހައްދުގެ އެންމެ ބާރުބޮޑު އެއް ސްކޫލު، އަހުމަދިއްޔާގެ ޖާގަ ކުޑަވުމުގެ ޝަކުވާ އަބަދު ވެސް އޮވެ އެވެ. މިހާރު ވެސް ދެ ދަންފަޅިއަށް ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 2،500 އެއްހާ ކުދިން ކިޔަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ