އިސްރާއީލުގެ 10 ރަހީނުން މިނިވަންކުރަން އެއްބަސްވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިސްރާއީލުގެ 10 ރަހީނުން މިނިވަން ކުރުމަށް ހަމާސްއިން އެއްބަސްވެއްޖެއެވެ. ރަހީނުން މިނިވަންކުރަން އެއްބަސްވި ނަމަވެސް ބައެއް ކަންކަން ހައްލުނުވެ ހުރުމުން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ވަރަށް އުދަނގޫ ކަމަށް ހަމާސްއިން ބުނެއެވެ. އެގޮތުން، ޤަޠަރާއި މިޞްރު މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމަށް ނުސީދާކޮށް ކުރާ މަޝްވަރާތަކުގައި އަދިވެސް ޔަގީންކަން ނުލިބޭ ކަންތައްތަކެއް އެބަހުރި ކަމަށް ހަމާސްއިން ބުނެއެވެ. އޭގެ ތެރޭގައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދަތިކަމާއި، އިސްރާއީލު ސިފައިން ޣައްޒާއިން ފޭބުން އަދި ހަނގުރާމަ ދާއީމީކޮށް ހުއްޓާލާނެކަމުގެ ހަގީގީ ޔަގީންކަން ނުލިބުން ހިމެނެއެވެ. ހަމާސްގެ އޮފިޝަލް ތާހިރު އަލް ނޫނޫ ވިދާޅުވީ، އެ ޖަމާއަތުން ވާނީ އެންމެ ފަހުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އެއްބަސްވެ، ރައްޔިތުން ހިމާޔަތްކޮށް، ނަސްލު ނައްތާލުމުގެ ޖަރީމާ ހުއްޓުވައި، ހަނގުރާމަ ފުރިހަމައަށް ނިމުމަކަށް އަންނަންދެން މިނިވަންކަމާ ކަރާމާތްތެރިކަމާ އެކު ޣައްޒާއަށް ވަނުމުގެ ހުއްދައާއި އެއްވެސް ހުރަހަކާނުލައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުހަލާގައި ފަލަސްތީނު މީހުންގެ ފުރާނައަށް ނުރައްކާނުކޮށް އިސްރާއީލު ސިފައިން ފައިބަންޖެހޭ ސަރަހައްދުތައް ހިމަނަން ޖެހޭ ކަމަށާއި އެއީ ދެވަނަ މަރުހަލާގެ މަޝްވަރާތަކަށް މަގުފަހިވާ ކަމެއް ކަމަށެވެ. ރަހީނުކުރި މީހުންގެ ތެރެއިން ދިރިހުރި 10 މީހަކު ދޫކޮށްލުން، މިހާރު މަޝްވަރާކުރާ ހުށަހެޅުމުގައި ވެސް ހިމެނޭ ކަމަށް އެމެރިކާގެ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވިއެވެ. ހަމާސްއިން އަތުލައިގަތް 251 މީހުންގެ ތެރެއިން 49 މީހުން އަދިވެސް ޣައްޒާގައި ހިފަހައްޓާފައި އެބަތިބި ކަމަށާއި އޭގެ ތެރެއިން 27 މީހަކު މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ. ރަހީނުން މިނިވަންކުރުމަށް ހަމާސްއިން އެއްބަސްވެފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހަފުތާގައި އެމެރިކާގައި ބައްދަލުކުރައްވާފައެވެ. ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާއިރު ވެސް އިސްރާއީލުން އަންނަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. އެގޮތުން، މިއަދު ފަތިހުން ފެށިގެން މިހާތަނަށް ދިން ހަމަލާތަކުގައި 74 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްޚީ އިދާރާތަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ