ރޯވީ އެންސިސް ގުދަނުގެ ހަތަރުވަނަ ފްލޯގައި، ބޮޑުބައި ކޮންޓްރޯލްވެއްޖެ

އަލިފާން ރޯވީ ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގެ ހަތަރުވަނަ ފްލޯގައި ކަމަށާއި، އަލިފާންގަނޑުގެ 65 ޕަސެންޓު މިހާރު ނިއްވާލެވިއްޖެ ކަމަށް އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއުއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ. އެއާއެކު އެމްއެންޑީއެފްގެ ހުޅުމާލޭ ފަޔަ އެންޑް ރެސްކިއު ސާވިސްއިންވަނީ ވަގުތުން އެޓެންޑުވެފައެވެ. ހާދިސާ ހިނގި ސަރަހައްދުން "ސަން"އާ ވާހަކަ ދައްކަވަމުން، ފަޔަ އެންޑް ރެސްކިއުގެ އޮފިސަރަކު ވިދާޅުވީ ބައިގަޑިއެއްހާއިރު ތެރޭ އަލިފާންގަނޑު އެއްކޮށް ނިއްވައިލެވޭނެ ކަމަށެވެ. އަދި މިހާތަނަށް އައިއިރު އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފަޔަ އެންޑް ރެސްކިއު ޓީމުން އެ ސީންއަށް އެޓެންޑުވިއިރު، އަލިފާންގަނޑުވަނީ ވަރަށް ބޮޑަށް ރޯވެފައެވެ. އެއާއެކު މާލޭގެ ފަޔާ ސްޓޭޝަނުން ވެސް ވަނީ އެހީތެރިކަން ހޯދައިފައެވެ. "އަޅުގަނޑުމެން ހާދިސާގެ ވެށްޓަށް އައިއިރު، އަލިފާން ރޯވެފައި މި ހުރީ އިމާރާތުގެ ހަތަރުވަނަ ފްލޯގައި. ވަރަށް ބޮޑަށް ރޯވެފައި ހުރީ، ފްރީ ޑިވެލޮޕް ފަޔާއަކަށް އަޅުގަނޑުމެން ޖެހުނީ އެޓެންޑުވާން. އެ ހިސާބުން މަސައްކަތް ފެށިގެން އައިސް، މިހާ ހިސާބަށް އަޅުގަނޑުމެންނަށް [ރޯވި އަލިފާންގަނޑުގެ] 65 ޕަސެންޓުވަނީ ކޮންޓްރޯލް ކުރެވިފައި،" އޭނާ ވިދާޅުވިއެވެ. https://sun.mv/208448 އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުން ދުން އަރާތީ، އާންމުން ސަމާލުވާން ވެސް ފުލުހުންވަނީ އެދިފައެވެ. މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގައި ދުން ބޯވެ ފެތުރެމުން ދާތީ، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ. އަދި މި ހާދިސާގެ ސަބަބުން، ޚާއްސަކޮށް ނޭވާލުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ސިއްހީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ފުލުހުންވަނީ ސަމާލުވާން އެދިފައެވެ. އެހެން ކަމުން، ޒަރޫރީ ބޭނުންތަކުގައި ނޫނީ، އެ ސަރަހައްދަށް ނުދިއުމަށާއި އެ ސަރަހައްދަށް ދާ މީހުން މަގު ބޭނުންކުރާއިރު ޚާއްސަ ސަމާލުކަމެއް ދޭން ފުލުހުން އެދެއެވެ. އަދި އެ ސަރަހައްދާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ އެންމެން ގޭގެ ކުޑަދޮރުތަކާއި ދޮރުތައް ލައްޕައި، ބޭރަށް ނުކުންނަން ޖެހިއްޖެނަމަ މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ