އެމަނިކުފާނުގެ ސިޔާސަތަކީ ހުރިހާ ގައުމުތަކާ އެކު ވެސް ގާތް ގުޅުމެއް ބޭއްވުން ކަމަށާއި އެކަން ކުރެވޭނީ ވެސް އެއް މިސްރާބެއްގައި، އެއް ވިސްނުމެއްގައި ގައުމުގެ އެންމެހާ ފަރުދުން ކުރިއަށްދާނަމަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިއްޔެއަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުނު ދުވަހެވެ. ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ގައުމާ މުހާތަބު ކުރައްވައި މުއިއްޒު ދެއްވީ މީގެ ކުރިން މިފަދަ ހާއްސަ ދުވަސްދުވަހު އެމަނިކުފާނު ދެއްވި ތަގުރީރުތަކަށް ވުރެ ކުރު ތަގުރީރެކެވެ.
މިނިވަންކަން ހިމާޔަތް ކުރެވިފައިވަނީ އެތައް ބައެއްގެ މަސައްކަތުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ މިނިވަންކަން އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް މުއިއްޒުގެ ތަގުރީރުގައި ވިދާޅުވި އެވެ.
"ގައުމީ ލޯބި އިސްކުރެވޭނީ ވެސް ފަރުދީ ގޮތުން ތިމަންނަ މަސައްކަތްކޮށްފިއްޔާ އެކަނިކަން ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށް ފޯރިކޮށްދޭނީ ގަބޫލުކޮށްގެން، އަޅުގަނޑުގެ މައިގަނޑު މެސެޖަކީ، އިލްތިމާސްއަކީ، ދެންނެވުމަކީ އެއީ،" ގާތްގަނޑަކަށް ހަތް މިނެޓަށް ދެއްވި ތަގުރީރުގައި މުއިއްޒު ވިދާޅުވި އެވެ.
މިނިވަންކަން ހިމާޔަތް ކުރުމަށް ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް ފަރުދީ ޒިންމާ އެކަމުގައި އަދާކުރަން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މި ސަރުކާރު ވެރިކަމަށް އައިސް އެންމެ އިސްކަން ދީފައިވާނީ ދިވެހި ރައްޔިތުންގެ މަސްލަހަތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެހެން ހުރިހާ ގައުމުތަކާ ވެސް ރަހުމަތްތެރި ގާތް ގުޅުން ބޭއްވުން، އެއީ އަޅުގަނޑުގެ ސިޔާސަތަކީ. އެންމެ ފުރަތަމަ ފަހު ވެސް ދެންނެވި، މިއަދު ވެސް ދަންނަވަން އޮތް، އަދި މާދަމާ ވެސް ދަންނަވާނެ ވެސް ސިޔާސަތަކީ މިއީ،" އެމަނިކުފާނު ވިދާޅުވި އެވެ.
"މިކަން ވެސް ކުރިއަށް ގެންދެވޭނީ ކޮންމެ މީހެއްގެ ޒިންމާ އަދާކުރަން އަޒުމް ކަނޑައަޅައިގެން. އެކި މީހުން އެކި ދިމާލަށް އެކި ވިސްނުމުގައި ގޮސްގެން ގައުމެއް ނޯންނާނެ. އެންމެން އެއް މިސްރާބެއްގައި، ގައުމީ ލޯބީގައި، މި ދެންނެވި މިސްރާބަށް ކުރިއަށްދާހިނދު ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ،"
ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމުގައި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށާއި އެމަނިކުފާނު ވި ވައުދުތައް ފުއްދަން ހުރިހާ ބޭފުޅުން ވެސް "އިހުލާސްތެރި" ކަމާއި "ހީވާގި" ކަމާއެކު މަސަައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.
"ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން، ވަރުގަދަ އަޒުމެއްގައި ދާނީ ކުރިއަށް. މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތަށް ވުރެ ގިނަ މަސައްކަތްތައް އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ކުރެވިގެންދާނެ،" ތަފްސީލަށް ނުގޮސް މުއިއްޒު ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަފްތާތަކާއި މަސްތަކުގައި މިދިޔަ ދުވަސްތަކުގައި ސަރުކާރުން "ތައްޔާރުވަމުން އައި ކަންތައްތައް" އަމަލީ ގޮތުން ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ކޮންމެ ރަށެއްގައި، މާލޭގައި، ހުރިހާ ކަންކޮޅެއްގައި އަމަލީ ގޮތުން ފެނިގެން އެ ދަނީ މިހާރު، އަދި ފެންނަމުން ދާނީ ވެސް އިރާދަކުރެއްވިއްޔާ ތަރައްގީގެ ކަންކަން ހާސިލުވަމުންދާތަން. ތަރައްގީ އެހެން ނަމަވެސް ހާސިލުވާނީ ހަމަ ހަގީގަތުގައި ވެސް އަމިއްލަ ނަފްސު އިސްލާހުކުރަން، މި ދެންނެވި ވިސްނުމުން ކުރިއަށްދާން ނިންމައިގެން. ނަފްސު ތަރައްގީކޮށް ސިކުނޑި ތަރައްގީ ކުރަން ނިންމައިގެން، އެއީ އެންމެންގެ ޒިންމާއަކީ،" ރައީސް ވިދާޅުވި އެވެ.
މިނިވަން ދުވަހު ތަރައްގީގެ މަޝްރޫއުތަކުގެ މާ ބޮޑު ތަފްސީލެއް ނުދެއްވައި މުއިއްޒު މިހެން ވިދާޅުވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ގެންދަނީ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްނުދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތަފާތު ވިސްނުންތައް އޮންނަނަމަ ގައުމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ ތަފާތު ވިސްނުންތައް އޮންނަނަމަ ގައުމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ