4،000 ފްލެޓު މި ހަފްތާގައި ހަވާލުކުރަން ފެށޭނެ: މުއްތޮލިބު

"ގެދޮރުވެރިޔާ" ސްކީމުގެ 4000 ފްލެޓު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއެކު މި ހަފްތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓު ހަވާލުކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ރޭ ވިދާޅުވެއްޖެ އެވެ.ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "އަހާ ފޯރަމް" ގައި، މިނިސްޓަރު މުއްތަލިބް މިރޭ ވިދާޅުވީ ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހަދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ފައިނަލް ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެގްރިމަންޓުގައި ސޮއިކުރުމުގެ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވީ އެގްރިމެންޓުގައި ސޮއިކުރުމުގެ މުއްދަތު ކައިރިވިއަސް އެފްޑީސީން ހަދާ އެގްރިމެންޓު އަދި ފައިނަލްކޮށްފައި ނުވާ ކަމަށެވެ. އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން އެގްރިމެންޓު ފައިނަލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ."ވަރަށް ޔަގީންކަން އެބައޮތް އަންނަ ހަފުތާގެ ތެރޭގައި އެގްރިމެންޓުތަކުގައި ސޮއިކުރުން ފެށިގެންދާނެ ކަމަށް،" މުއްތަލިބު ވިދާޅުވި އެވެ.މުއްތޮލިބު މިރޭ ވެސް ވިދާޅުވީ ރަށްރަށުގެ ވަޒީފާތަކުގައި، އެރަށެއްގައި ދިރިއުޅޭ މީހުން ވެސް މާލޭގައި އުޅޭ ކަމުގެ ދޮގު ލިއުން ހައްދައިގެން ފްލެޓުތަކަށް ކުރިމަތިލައި، ލިސްޓުން ޖާގަ ލިިބިފައި އެބަހުރި ކަަމަށެވެ. މި ސަރުކާރުން ފްލެޓުތައް ދޫކުރާއިރު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެފަދަ ސަބަބުތަކާ ހުރެ ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން މިހާރު އަންގަމުންދާ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ފްލެޓް ލިބޭ މީހުން ކުރީ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ