މުޞްޙަފްގައި ބީހޭނަމަ މިފަދައިން ހިތްމައްޗަށް ގެނައުމަކީ އެކަމުގެ ފައިދާކުރާނެ ކަމެއް! ތަޖުރިބާއިން-

އަހުރެން ޙާފިޡަކަށްވުމަށް މަސައްކަތް ފެށީ ސަޢުދިޢަރަބިޔާގައެވެ. އުސްތާޛްގެ ފުރަތަމަ ބަސްފުޅު މިހާރުވެސް ހަނދާނުގައި އެބަހުއްޓެވެ. އެއީ މުޞްޙަފް ނަގައި ހުޅުވާލަން އިނގިލި ނުވަތަ އަތް ޖައްސަމުން ފުރަތަމަވެސް މިފަދައިން ކިޔުމަށެވެ. "މިއީ އަހުރެންގެ ވެރި ރައްބުގެ ވަޙީބަސްފުޅެވެ."  
ކްލާހުގައި މުޞްޙަފް ނަގައިގެން ހުޅުވާ ކޮންމެ ފަހަރަކު މިފަދައިން ކިޔަން ހަނދާންކޮށްދެއްވައެވެ. އަދި ހުރިހާ ދަރިވަރުން މިފަދައިން ކިޔައިތޯވެސް ބައްލަވައެވެ. އުސްތާޛް އެކަން ކުރެއްވި ސަބަބު މިއަދު ވިސްނެއެވެ. މުޞްޙަފަށް ދޭންޖެހޭ ސަމާލުކަން ވިސްނައި ދެއްވުމަށެވެ. ކިޔަވާއިރު ދޭންޖެހޭ ސަމާލުކަން ވިސްނައި ދެއްވުމަށެވެ. 
މިއަދު އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ މުޞްޙަފާއިމެދު ދެކެވެނީ ގެންގުޅޭ އެހެންވެސް ފޮތެއް ފަދައިންނެވެ. ގެންގުޅުމުގައި ސަމާލުކަމެއް ނުދެވެއެވެ. އަދި ކިޔަވާއިރުވެސް އެއްވެސް ފަރުވާލެއް ނުބަހައްޓައި ކިޔަވައިލަނީއެވެ. ވާހަކަ ފޮތަކުން ވާހަކަ ކިޔައިލާ އުޞޫލުންނެވެ. 
އަހުރެމެން ހުރިހާ ދަރިންނަށްވެސް ތަޖުރިބާއަށް ބަލައި ބުނަމެވެ. މުޞްހަފްގައި ބީހޭއިރު އުސްތާޛް އެވިދާޅުވި ބަސްފުޅު ކިޔައި އެބަސްފުޅަށް ހެޔޮ ގޮތުގައި ވިސްނާނަމަ މުޞްޙަފަށް ދެވޭ ސަމާލުކަން އިތުރުވެގެންދާނެއެވެ. އަތަލައި ގެންގުޅުމުގައިވެސްމެއެވެ. އަދި ކިޔަވާއިރުގައިވެސްމެއެވެ. 
ހުރިހާ ބެލެނިވެރިންނަށާއި އަދި އުސްތާޛުންނަށްވެސް ނަޞޭޙަތްތެރިވަމެވެ. އުސްތާޛް އަހުރެމެންނަށް ދަސްކޮށްދެއްވި ފަދައިން ޢަމަލުކުރުމަށެވެ. ދަރިންނަށާއި ދަރިވަރުންނަށްވެސް އެކަން ދަސްކޮށްދިނުމަށެވެ. 
މުޞްޙަފަކީވެސް އެއް މާނައެއްގައި ފޮތެކެވެ. ނަމަވެސް އެއިގެ އަޞްލު އަގު ވަޒަންކޮށްފިނަމަ އެންމެ މުޞްޙަފެއްގެ އަގު ދުނިޔޭގައި ދެންހުރި ހުރިހާ ފޮތްތަކަށްވުރެވެސް މާމަތިވެރިކަން ބޮޑެވެ. ވީމާ އަހުރެމެންނަކީ މުޞްހަފްގެ އަގު ވަޒަންކުރާބައަކަށްވާންޖެހޭނެއެވެ.
 
- ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ