ފަލާހު ގުރުއާން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް
ޖަމުޢިއްޔަތުލް ފަލާހުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސް ޑރ މުހައްމަދު މުއިއްޒު ޝަރަފުވެރި ކޮށްދެއްވައިފި އެވެ. މި ރަސްމިއްޔާތު އޮތީ ރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.މި ރަސްމިއްޔާތުގައި، ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ގުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފަ އެވެ. އަދި މުޅި މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް އެވެ.ޖަމުޢިއްޔަތުލް ފަލާޙަކީ ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި، ތައުލީމު އުނގަންނައިދިނުމުގެ ފަހުރުވެރި ތާރީހެއް އޮންނަ ޖަމުއިއްޔާއެކެވެ. ފަލާޙް ޕްރީސްކޫލާއި ފަލާހު ގުރުއާން ކުލާސްވެސް ހިންގާ މި ޖަމުއިއްޔާއިން ހިންގާ ގުރުއާން މުބާރާތަކީ ދިވެހިރާއްޖޭގައި، މެދުކެނޑުމެއް ނެތި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ގުރުއާން މުބާރާތެވެ.ކީރިތި ގުރުއާނުގެ އިލްމާއި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މި ހިނގާ ޖުލައި މަހުން ފެށިގެން، ރާއްޖޭގައި ހާފިޒުންނަށް ދޭ އެލަވަންސް ވަނީ ދެ ގުނައަށް އިތުރުކުރައްވާފަ އެވެ. މީގެ އިތުރުން ކީރިތި ގުރުއާނާއި ގުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މާލީ ތަނަވަސްކަން ދެމެހެއްޓެނި ގޮތެއްގައި ލިބެމުންދާނޭ މަގު ފަހިކުރުމުގެ ގޮތުން، ވަޤުފް އިމާރާތްތައް ބިނާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ