މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވައިފި މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރުގައި ހުޅުވައިފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމައި ރަސްމީކޮށް އެ އެއާޕޯޓު މިއަދު ހުޅުވައިފި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އޭޕްރަން ބޮޑުކުރުމުން އެއާޕޯޓުގައި 30 ޖެޓު އެއްފަހަރާ ޖެއްސުމުގެ ޖާގަ މިހާރު ވަނީ ތަނަވަސްވެފަ އެވެ.
މާފަރު އެއާޕޯޓު ހިންގަނީ ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަން ކުންފުނިންނެވެ. އެ އެއާޕޯޓަކީ ޔޫއޭއީގެ އަބޫދާބީ ފަންޑުން ފަންޑުކޮށްގެން ތަރައްގީކުރި އެއާޕޯޓެކެވެ.
މާފަރު އެއާޕޯޓު މަޝްހޫރުވެފައި ވަނީ ނޫނު އަތޮޅާއި ކައިރި އެހެން އަތޮޅުތަކުގެ މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ ޖެޓުތައް ޖައްސާ އެއާޕޯޓެއްގެ ގޮތުގަ އެވެ. މީގެ ދެ އަހަރު ކުރިން 2023 ވަނަ އަހަރު އެކަނި ވެސް މާފަރަށް 353 ޖެޓު ޖެއްސި އެވެ.
މޯލްޑިވިއަންގެ އެމްޑީ އިބްރާހިމް އިޔާސް ވިދާޅުވީ މާފަރު އެއާޕޯޓުގެ ޓާމިނަލްގެ އިތުރުން އެރައިވަލް ހޯލް ވެސް ބޮޑުކޮށް ލައުންޖުތައް ގާއިމުކުރުމުގެ އިތުރުން ފަސިންޖަރުންނާއި ކްރޫއިންނަށް ހާއްސަކޮށް ސިޓީ ހޮޓަލެއް ވެސް އެ އެއާޕޯޓުގައި ގާއިމުކުރަން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން މީގެ ކުރިން މާފަރު އެއާޕޯޓުގެ ރަންވޭގެ 650 މީޓަރު ދިގުކުރުމާއި ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑް ކޮށްފައިވެ އެވެ.
ހިސާބުތަކަށް ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް މާފަރު އެއާޕޯޓަށް 3،000 އަށްވުރެ ގިނަ އިންޓަނޭޝަނަލް ފްލައިޓް ވަނީ އޮޕަރޭޓްކޮށްފަ އެވެ. އަދި 9،000 އަށްވުރެ ގިނަ ފްލައިޓް އެ އެއާޕޯޓަށް ޖެއްސި އެވެ. އެ ފްލައިޓްތަކުގައި އައި 250،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް އެއާޕޯޓުން ހިދުމަތް ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ