ލަންކާގެ ރައީސް އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ އަންނަ މަހުގެ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.ލަންކާގެ ހާރިޖީ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން މިއަދު ބުނެފައިވާ ގޮތުން، އަނޫރާ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާ ދިމާކޮށް ކަމަށެވެ.ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމް ކުރީ 29 ޖުލައި 1965ގަ އެވެ.މިއީ އަނޫރާ ލަންކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.ލަންކާގެ ރައީސް އަންނަ މަހުގެ ފަހުކޮޅު ރާއްޖެ ވަޑައިގަންނަވާއިރު، ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ އެ މަހުގެ 26 ވަނަ ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.އެއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ މުނާސަބަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ