ބްރޯޑްކޮމްގެ ސާވާއަށް ގެއްލުންދިން ކަމަށް ބަަލައި އައިޓީ އޮފިސަރު ވަޒީފާއިން ވަކިކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލު މަގާމުން ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - ފަޒީލު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ މިދިޔަ 21 މޭގަ އެވެ. ހަތް ދުވަހުގެ މުއްދަތަކަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ އެ ކޮމިޝަނުގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރިމަކަށް ފެންނާތީ އެ ތަހުގީގަށް ކަމަށް އޭރު ބްރޯޑްކޮމްއިން ބުނެފައިވެ އެވެ.
މިކަމެއް ދިމާވީ، އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް (އެސްޖީ) މަރިޔަމް ޒީނިޔާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އެ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލައި އޭގެ ކުރީ ދުވަހު ގެއަށް ގޮސްފައި ވަނިކޮށެވެ. ހަމަ އެ ދުވަހު ބްރޯޑްކޮމްގެ ސާވާގައި މައްސަލައެއް ޖެހިގެން ފުލުހުންގެ އެހީތެރިކަން އެ ކޮމިޝަނުން ހޯދާފައި ވެއެވެ.
މިދިޔަ ހޯމަ ދުވަހު ފަޒީލު މަގާމުން ވަކިކޮށްފައިވާކަން އެ ކޮމިޝަނުގެ ރައީސް ސަފާ ތައުފީގް 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވި އެވެ.
ބުނީ ކީކޭ؟ - ސަފާ ވިދާޅުވީ ފަޒީލު ވަޒީފާއިން ވަކިކުރީ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، ހިންގި ތަހުގީގުތަކަކަށް ފަހު ކަމަށެވެ. އެގޮތުން، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާކަން މިދިޔަ ހޯމަ ދުވަހު އޭނާއަށް އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ސަފާ ވިދާޅުވީ:
ސާވާއަށް ދިމާވި މައްސަލައާ ގުޅިގެން ފުލުހުންގެ އެހީތެރިކަން ހޯދާފައިވާނެ
އެއަށް ފަހު ސާވާއަށް ޖެހުނު މައްސަލައާ ގުޅިގެން ތަހުގީގެއް ހިންގައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ
އެ ތަހުގީގަށް ފަހު މިދިޔަ އާދިއްތަ ދުވަހު އަންގާފައިވަނީ ސާވާގައި ޖެހުނު މައްސަލައަކީ ގަސްތުގައި ގެއްލުންތަކެއް ދީފައިވާކަން ތަހުގީގަށް ފެންނަ ކަމަށް
އޭނާ ވަޒީފާއިން ވަކިކުރީ އިތުރަށް އެ މަގާމުގައި ބަަހައްޓައިފި ނަމަ ބްރޯޑްކޮމްއަށް އިތުރަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ބަލައި 
އެފަދަ ހާލަތެއްގައި ނޯޓިހެއް ދިނުމަކާ ނުލައި ވަކިކުރުމަށް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އިހުތިޔާރު ލިބިދޭ 
ސާވާއަށް ގެއްލުންދިނުމުގެ މައްސަލައެއްގައި ފަޒީލު ވަކިކުރިއިރު، ސާވާއަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. 
ބްރޯޑްކޮމްގެ ބައެއް މުވައްޒަފުން މަގާމުން ސަސްޕެންޑުކޮށް ވަޒީފާއިން ވަކިކުރަމުންދަނީ، އެ ކޮމިޝަނުގެ މެމްބަރުންނާ ބެހޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޒާތީ ވެގެން ކަމަށް އެ ކޮމިޝަނުގެ މުވައްޒަފުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެކަމާ ބެހޭގޮތުން ސަފާ މިއަދު 'ދައުރު'އަށް ވިދާޅުވީ މަގާމުން ދުރުކުރަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށާއި އެކަމުގައި ޒާތީވުމެއް ނުގެންގުޅޭ ކަމަށެވެ. އަދި މުވައްޒަފުންގެ ފަރާތުން މަޖިލީހަށް ޝަކުވާތަކެއް ހުށަހެޅިޔަސް، އެފަދަ ޝަކުވާއެއް ރަސްމީކޮށް ކޮމިޝަނަރުންނަށް ހުށަހަޅާފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 
ފާހަގަކޮށްލެވޭ ކަމެއް - ސަސްޕެންޝަނެއްގައި ބެހެއްޓުމަށް ފަހު އެސްޖީ ވެސް ވަނީ މިދިޔަ 25 މޭގައި މަގާމުން ވަކިކޮށްފަ އެވެ. އޭނާ މަގާމުން ވަކިކުރި މައްސަލަ މިހާރު އޮތީ ވަޒީފާއާ ބެހޭ ޓްރިބިއުނަލްގަ އެވެ.
ފަޒީލު ސަސްޕެންޝަންގައި ބެހެއްޓުމުން އެ މައްސަލަ އޭނާގެ ފަރާތުން ވެސް އޮތީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ