ރައީސްގެ މަންދޫބެއްގެ ގޮތުގައި ޚާލިދާ ޒިއާގެ ޖަނާޒާއަށް ހައިދަރު
ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ބޭގަމް ޚާލިދާ ޒިޔާ ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޢަލީ ޙައިދަރު އަޙްމަދު ބައިވެރިވެވަޑައިގަންނަވާގޮތަށް މިއަދު ހަމަޖައްސަވައިފިއެވެ. ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އިއްޔެ ހެނދުނު އަވަހާރަވުމާ ގުޅިގެން ރައީސް ވަނީ ބަނގްލަދޭޝްގެ ރައްޔިތުންނާ މަރުޙޫމާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. މިނިސްޓަރު ޙައިދަރު، ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރު، ޑރ. މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެންބަރުންނާއި ބައްދަލުކުރައްވައި ރައީސް މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ޚާލިދާ ޒިޔާގެ ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ)ން ނެރުނު ބަޔާނެއްގައިވާގޮތުން ޚާލިދާ ޒިޔާ އަވަހާރަވީ ބަންގްލަދޭޝްގެ ގަޑިން ހެނދުނު ހައެއްޖެހި އިރެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ބަންގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދު ޒިޔާ -- ބޭގަމް ޚާލިދާ ޒިޔާ އާލާސްކަންފުޅުގައި އުޅުއްވާތާ އެތައް އަހަރެއް ވެއްޖެއެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ޚާލިދާ ޒިޔާގެ މައިގަނޑު އާލާސްކަންފުޅަކީ ފުއްޕާމޭގައި އިންފެކްޝަން އުފެދި އެކަން ރަނގަޅު ނުވުމެވެ. މީގެ އިތުރުން ހަކުރު ބައްޔާއި ލޭ މައްޗަށް ދިޔުމުގެ ކަންތައް ވެސް ވަރަށް ބޮޑެވެ. ކިޑްނީގެ މައްސަލަތަކާއި އާތްރައިޓިސްއާއި ލޮލުގެ ބަލިތަކާ އެކު އުމުރުން ދުވަސްވުމާ ގުޅިގެން އެކަމަނާގެ އާންމު ސިއްހަތު ވެސް ވަރަށް ގޯސްކަން ކުރިން ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. https://sun.mv/216038 މިދިޔަ އަހަރު ބަންގްލަދޭޝްއިން ފިއްލެވި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ވެރިކަމުގައި ޚާލިދާ ވަނީ ކޮރަޕްޝަނުގެ މައްސަލަ ސާބިތުވެގެން ދިގު މުއްދަތަކަށް ޖަލަށް ވެސް ލާފައެވެ. ޚާލިދާގެ ސިއްހީ ހާލުކޮޅު އިތުރަށް ގޯސްވީ ޖަލުގައި އޮންނެވި ދުވަސްވަރުގައެވެ. ނަމަވެސް، ގޭބަންދަށް ބަދަލުކުރަން ޚާލިދާގެ ފަރާތުން އެދުމުން ވެސް ހަސީނާގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެހެންކަމުން މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވެއްޓެންދެން ޚާލިދާ އޮންނެވީ ޖަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ