ސަރުކާރު ޓެކްސީ ލައިނަށް އިތުރު 107 ޑްރައިވަރުން ހޯދަނީ

މާލެ، ހުޅުމާލެ ހިމެނޭ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުތައް، ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އަދި ފަސޭހަކަމާއެކު، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރުގެ ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ފެށުމަށް ހަމަޖެހިފައިވާ މާލެ ޓެކްސީ ސާވިސް އަށް ބޭނުންވާ އިތުރު 107 ޑްރައިވަރަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.
އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްގެން ފަށާ މި ޓެކްސީގެ ޚިދުމަތަށް ބޭނުންވާ ކާރުތަކުގެ ތެރެއިން 60 ކާރު މިހާރު މާލެ އެތެރެކޮށް، އަންނަ އެޕްރީލް މަހުގެ 2 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމް.ޓީ.ސީ.ސީ އިން މައުލޫމާތު ދެއެވެ.
އިއުލާނުގައިވާ ގޮތުން، ޑްރައިވަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހަފުތާއަކު ހަ ދުވަހު، އަށް ގަޑިއިރު ކަމުގައި ކަނޑައަޅާފައިވާ އިރު، ޓެކްސީ ލައިންގެ ޑްރައިވަރުންގެ އަތުގައި ބީ-1 ނުވަތަ ބީ-2 ކެޓަގަރީއެއްގެ ލައިސަންސެއް އޮންނަން ޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އެމްޓީސީސީގެ އިއުލާނުގައިވާގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ޑްރައިވަރުންނަށް އިސްކަންދޭނެކަމަށްވެސް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެމްޓީސީސީން ބުނީ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށާއި، އަދި މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާ، އާދީއްތަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް އިންޓަވިއުކުރާނެ ކަމަށް، އެމްޓީސީސީން ބުންޏެވެ.
ސަރުކާރުން ތައާރަފްކުރާ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ތަކެކެވެ. އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ