މިދިޔަ އަހަރު ބީއެމްއެލްއިން ޑޮލަރު ވިއްކި އަދަދު %70 އިތުރު

ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ އަދަދު %70 އިތުރުވެފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްއަށް މާލީގޮތުން ކާމިޔާބު އަހަރެކެވެ. ބީއެމްއެލްގެ މާލީ ރިޕޯޓުން ދައްކާގޮތުން 2025ވަނަ އަހަރު ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ބެންކަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %9.8ގެ ކުރިއެރުމެކެވެ.
ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަމުން ޝަރީފު ވިދާޅުވީ 2025 ވަނަ އަހަރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 565 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %70 އިތުރު އަދަދެއްކަމަށް ވިދާޅުވިއެވެ.
"ބޭންކުން މިދިޔަ އަހަރު 565 މިލިޔަން ޑޮލަރު ގާތްގަނޑަކަށް. އެއީ ކުރީ އަހަރާއި އަޅާބަލާއިރު %70 އިތުރު އަދަދެއް މިދިޔަ އަހަރު އާންމު ފަރުދުންގެ ބޭނުންތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް އަޅުގަނޑުމެން ޑޮލަރު ދޫކޮށްފައި އެބަވޭ." ޝަރީފް ވިދާޅުވިއެވެ.
މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރައެވެ. މިއީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއްކަމަށް އެ ބޭންކުން ބުނެއެވެ.
ކުރިން ވިޔަފާރިތަކަށް ބޭނުންވާ ޓީޓީއަށް ދޫކުރެވެނީ %5 ނަމަވެސް، މިދިޔަ އަހަރު ތެރޭ ބެންކުން ވަނީ ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ދޭ މިންވަރު %50 އާ ހަމަޔަށް އިތުރުކޮށްދީފައެވެ. މި ހެޔޮ ބަދަލުތަކާއެކު ބޭންކަށް ވެސް ވިޔަފާރިތަކަށްވެސް އަދި އާންމު ފަރުދުންނަށްވެސް އޭގެ މަންފާ ކުރަމުންދާކަމަށް ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
އަމިއްލަ ފަރުދުންގެ ބޭނުންތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާއި ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތަކާއި އިޤްތިޞާދުގެ މުހިންމު ސިނާޢަތްތައް ފުޅާކޮށް ތަރައްގީކުރުމަށް، ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރުކަމަށް އެބޭންކުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ