އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް، ތިން ގައުމަކަށް ސުނާމީގެ އިންޒާރު

އިންޑޮނޭޝިއާގެ އުތުރު މޮލޫކާ ކަނޑުގެ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފިއެވެ. ޔޫއެސްޖީއެސްގެ އެސެސްމަންޓުން ދައްކާ ގޮތުގައި ބިންހެލުން އައިސްފައި ކަނޑުގެ 35 ކިލޯމީޓަރު އަޑިއަށެވެ. އެއީ ބިންހެލުން އައި އިންޑޮނޭޝިއާގެ ޓާނަޓޭގެ ހުޅަނގު އުތުރުން 127 ކިލޯމީޓަރު (79 މޭލު) ދުރެވެ. އެ ބިންހެލުން 5865 ކިލޯމީޓަރު ދުރަށް ކަމަށާއި ރާއްޖެއަށް ސީދާ ނުރައްކަލެއް ނެތް ކަމަށް ރާއްޖޭގެ މެޓް އޮފީހުން ވަނީ ބުނެފައެވެ. ޔޫއެސްޖީއެސް އިން ވަނީ ބިންހެލުން އައި ތަނުން ފެށިގެން 1,000 ކިލޯމީޓަރު (621 މޭލު) ސަރަހައްދަކަށް ސުނާމީގެ ރާޅުތަކެއް އަރައިފާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެހެންވެ އިންޑޮނޭޝިއާގެ އިތުރުން ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށު ސަރަހައްދުތަކަށް ސުނާމީގެ ރާޅު އަރާފާނެ ކަމަށް ޔޫއެސްޖީއެސް އިން ވަނީ އިންޒާރު ދީފައެވެ. ޔޫއެސްޖީއެސް އިން ފަހުން ލަފާކޮށްފައިވާ ގޮތުގައި ގުއާމް، ޖަޕާން، މެލޭޝިއާ، ޕައުޕާ ނިއު ގިނީ ފިިލިޕީންސް އަދި ޓައިވާންގެ އައްސޭރި ފަށަފަށް 30 ސެންޓިމީޓަރަށްވުރެ އުސް ރާޅު އަރާނެއެވެ. ޔޫއެސްޖީއެސް އިން ބުނީ ފުރަތަމަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 7.8 ގެ ބާރުމިނުގައި އެ ސަރަހައްދުގެ ގަޑިން ހެނދުނު 6:48 (ރާއްޖޭގަޑިން ފަތިހު 3:48) ގައެވެ. އިންޑޮނޭޝިއާއަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދަކަށްވާއިރު، 2022 ވަނަ އަހަރު ހުޅަނގު ޖާވާގެ ސިއަންޖޫރް ސިޓީއަށް 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 602 މީހުން ވަނީ މަރުވެފައެވެ. މިއީ 2018 ވަނަ އަހަރު ސުލާވޭސީއަށް އައި ބިންހެލުމާއި ސުނާމީގައި 4،300 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އިންޑޮނޭޝިއާގައި އެންމެ ބާރުގަދަ ބިންހެލުމެވެ. މީގެ އިތުރުން 2024 ވަނަ އަހަރު އިންޑިއާ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި ސުނާމީއެއް އުފެދި އެތައް ގައުމަކުން 230،000 އަށް ވުރެ ގިނަ މީހުން މަރުވިއިރު، އޭގެ ތެރެއިން ގިނައީ އިންޑޮނޭޝިއާގެ އާޗޭ ޕްރޮވިންސްގެ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ