އެފްއޭއެމް ވެޓަރަންސް ކަޕް: ނައިބު ރައީސްގެ ކެޕްޓަން ކަމުގައި މުއިވެޔޮ އިން މޮޅަކުން ފަށައިފި އެފްއޭއެމް ވެޓަރަންސް ކަޕް: ނައިބު ރައީސްގެ ކެޕްޓަން ކަމުގައި މުއިވެޔޮ އިން މޮޅަކުން ފަށައިފި

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)ގެ ކެޕްޓަންކަމުގައި، މި ފަހަރުގެ އެފްއޭއެމް ވެޓަރަންސް ކަޕްގައި، މުއިވެޔޮ ފްރެންޑްސް އިން ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.
ގްރޫޕް އޭގެ ފުރަަތަމަ މެޗުން އިއްޔެ ނިއު އިން ވަނީ ދަ ގްރާންޑޭ އަތުން 2-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުން ދިވެހި ސިފައިންގެ ކްލަބް އަތުން 1-0 އިން މުއިވެޔޮ މޮޅުވިިއިރު، ފަސް ޓީމު ވާދަކުރާ މި ގްރޫޕުގައި މެޗެއް ނުކުޅެ އޮތީ ވިލިމާލެ ޔުނައިޓެޑް އެެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މުއިވެޔޮ އިން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ދެ ވަަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 52 ވަނަ މިނިޓްގައި މުއިވެޔޮ އަށް މި ލަނޑު ޖަހައިިދިނީ، ކ. ގުރައިދޫ ޓީމުން ވެސް ފާހަގަވި، މުހައްމަދު ޝަހީމް އެވެ. ހާފުގެ މެދެއްހާ ހިސާބުން ހިފައިގެންދިޔަ ބޯޅަ ޝަހީމް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
ސެމްބެ، ވަނީ މީގެ ކުރިން ބޭއްވި ވެޓަރަންސް މުބާރާތުގައި ވެސް މުއިވެޔޮ އަށް ކުޅެފަ އެވެ.
ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ފެށި މި ވެޓަރަންސް މުބާރާތް އެފްއޭއެމް އިން ބޭއްވި ފަހުން، ދެން، އެފްއޭއެމާ ގުޅިގެން ހިންގުމުގެ ކަންތައްތަކާ ހަވާލުވެގެން ބޭއްވީ އެކިއެކި ފަރާތްތަކުންނެވެ. އެ ގޮތުން، ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވޭމް)، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އަދި ކްލަބް އިވެންޓްސް އިން ވެސް ވަނީ މި މުބާރާތް ބާއްވައިފަ އެވެ.
މުބާރާތުގައި ކުރިއަށް އޮތް ދެ ދުވަހު އޮތީ ގްރޫޕް ބީގެ މެޗުތަކެވެ. އެ ގޮތުން، މާދަމާ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާ އެވެ. އަދި، މާދަމާ ނޫން އަނެއް ދުވަހު، ހުއްރިއްޔާ އިން ކުޅޭނީ ހުޅުމާލެ ވެޓަރަންސް ކްލަބާ ދެކޮޅަށެެވެ.
އެ ގްރޫޕްގައި ދެން ހިމެނޭ ޓީމަކީ، ޕޮލިސް ކްލަބް އެވެ.
އެފްއޭއެމް ވެޓަރަންސް ކަޕްގައި، އަންނަ މަހުގެ 11 ވަނަ ދުވަހާ ހަމައަށް ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާއިރު، ސެމީ ފައިނަލް އޮންނާނީ 13 އާއި 14 މާޗުގަ އެވެ. އަދި، ފައިނަލް މެޗު ކުޅޭނީ 16 މާޗުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ