ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލުހޯދުމަށް ވެބިނާއެއް

ދުނިޔޭގެ ފަތުރުވެރިކަމަށް މިހާރު ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ޚާއްސަ ސެޝަނެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ސެޝަންއަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއި ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގުޅިގެން ބާއްވާ ސެޝަންއެކެވެ. މި ވެބިނަރ ބާއްވަނީ "ދި ކޮންފްލިކްޓް ޕްލޭބުކް ފޮރ ޓްރެވެލް - އެޑެޕްޓް، ޕިވެޓް ލެޑް މޯލްޑިވްސް އެޑިޝަން" ގެ ނަމުގައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާތީ، އޭގެ ނޭދެވޭ އަސަރު މިހާރު ވަނީ ސަރަހައްދީ ފެންވަރަށްވުރެ ބޮޑުވެ، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށާއި، ތެލުގެ އަގަށާއި، ފަތުރުވެރިކަމަށް ފޯރަން ފަށާފައެވެ. މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން ދަތުރުގެ މަގުތައް ބަދަލުކޮށް، ދަތުރުގެ ވަގުތު އިތުރުވެފައިވާއިރު، މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ވަނީ 50 އިންސައްތައާއި 60 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައެވެ.
ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔު.ޓީ.ޓީ.ސީ) އިން އަންދާޒާކުރާ ގޮތުގައި، ފަތުރުވެރިން ކުރާ ހޭދައިން ދުވާލަކު ގާތްގަނޑަކަށް 600 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ދުނިޔޭގެ އިގްތިސާދަށް ލިބެމުންދެއެވެ. އެހެންކަމުން، ވައިގެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކުރުމަށް ވިޒިޓް މޯލްޑިވްސްއިން ދަނީ އިސްނަގައިގެން މަސައްކަތް ކުރަމުންނެވެ.
މި ވެބިނާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ތަގުރީރު ކުރައްވާނެއެވެ. ޗެއާޕާސަން އަބްދުﷲ ގިޔާސްގެ ތަގުރީރުގައި މިހާރު އުފެދެމުންދާ ހާލަތާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ އަސަރުތަކުގެ އިތުރުން، ސަރުކާރުން އިސްކަންދޭ މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.
މި ވެބިނާގެ މައިގަނޑު މަގުސަދަކީ، މިފަދަ ނުތަނަވަސް ދަނޑިވަޅެއްގައި ރާއްޖޭގެ މާކެޓު ވަރުގަދަކޮށް ހިފެހެއްޓުމަށް ބޭނުންވާނެ އަމަލީ އަދި ތަފާސްހިސާބުތަކުގެ މައްޗަށް ބިނާވެފައިވާ އޮނިގަނޑެއް ސިނާއަތުގެ ބައިވެރިންނަށް ފޯރުކޮށްދިނުމެވެ. ވެބިނާ ނިންމާލުމުގެ ކުރިން، ބައިވެރިންނަށް މާހިރުންނާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ސެޝަން މޮޑަރޭޓް ކުރައްވާނީ ޕާޓާގެ ޑައިރެކްޓަރ އޮފް މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ޕޯލް ޕްރުއަންގްކާން އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ސިނާއަތުގެ ހުރިހާ ބައިވެރިންނަށާއި ކަމާގުޅުންހުރި ފަރާތްތަކަށް މި ސެޝަންގައި ރަޖިސްޓްރީވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ