ކަނޑުއޮޅީގައި މައިން ހަރުކުރަން އުޅޭ އުޅަނދުތަކަށް ހަމަލާ ދޭން ޓްރަމްޕް އަމުރުކުރައްވައިފި

އިރާނާއާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލާފައި ބާއްވާ މުއްދަތު އިތުރުކޮށްފައި އޮތް ނަމަވެސް ހުރްމުޒް ކަނޑުއޮޅީގައި މައިން ހަރުކުރަން މަސައްކަތްކުރާ ކޮންމެ އުޅަނދަކަށް ހަމަލާ ދިނުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަަށް އަމުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެެވެ. ދުނިޔޭގެ ތެލާއި ގޭސް ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފުލާ ހުރްމުޒް ކަނޑުއޮޅިން ގޮވާތަކެތި ނައްތާލުމަށް އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑު އެމެރިކާގެ ނޭވީއަށް އަންގާފައިވާނެ މައިން ހަރުކުރަން އުޅޭ ކޮންމެ އުޅަނދަކަށް ހަމަލާ ދިނުމަށް. އެ އަމުރު ތަންފީޒުކުރުމުގައި ފަސްޖެހިގެން ނުވާނެ," ޓްރަމްޕް ބުރާސްފަތި ދުވަހު ޓްރޫތް ސޯޝަލް ޕްލެޓްފޯމްގައި ޓްރަމްޕް ލިޔުއްވާފައިވެއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުގެ ކަނޑުގެ ސިފައިން ގާބިލުކަމުގެ ބޮޑު ބައެއް މިހާރު ވެސް ހަލާކުވެފައިވާ ކަމަށާއި މައިން ހަރު ކުރުމަށް އުޅޭނީ ކުދި އުޅަނދުތަކެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި އުޅަނދުތަކުގެ ދަތުރުތަކަށް ހުރަސް އަޅާފައެވެ. މި ވަގުތަށް ހަނގުރާމަ މެދުކަނޑާލާފައި އޮތްއިރު، ކަނޑުއޮޅީގައި އީރާނުން ހަރުކޮށްފައި ހުރި މައިންތައް ނައްތާލަން ގާތްގަނޑަކަށް ހަ މަސް ދުވަށް ނަގާނެ ކަމަށް އެމެރިކާގެ އަސްކަރީ މަޒުކަޒު، ޕެންޓަގަންއިން ވަނީ ބުނެފައެވެ. ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓެއްގައިވާ ގޮތުން ކަނޑުއޮޅީގައި ގާތްގަޑަކަށް 20 މައިން ވަނީ ހަރުކޮށްފައެވެ. ބައެއް މައިންތައް ޖީޕީއެސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެެނެގަންނަން އުނދަގޫ ގޮތަކަށް ބަހައްޓާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ. އީރާނުގެ ކަރްގަން އައްސޭރިފަށާ ކައިރީގައި އޮންނަ ހޮރްމުޒް ކަނޑުއޮޅީގެ އުތުރުގައި ކުދި އުޅަނދުތަކެއް ހަރަކާތްތެރިވާތަން ފެންނަ ސެޓެލައިޓް ފޮޓޯއެއް. ފޮޓޯ/ރޮއިޓާސް އީރާނުން މިހާރު ވެސް ބައެއް މައިންތައް ނައްތާލާފައި ވެދާނެ ކަމަށާއި ނަމަވެސް އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުގެ ގިނަ "މައިން ޑްރޮޕަރުތައް" ނައްތާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ކަނޑުއޮޅީގައި މައިން ހަރުކޮށްފައިވާ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އީރާނުން ވަނީ އެކަން ދޮގުކޮށް، އެ ތުހުމަތަކީ އެމެރިކާގެ ޕްރޮޕެގެންޑާއެއް ކަމަށް ބުނެފައެވެ. ޓްރަމްޕް ކުރެއްވި އިތުރު ޕޯސްޓެއްގައި ވަނީ ކަނޑުއޮޅިގެ "މުޅި ކޮންޓްރޯލް" މިހާރު އެމެރިކާއަށް އެބައޮތް ކަމަށާއި އެމެރިކާގެ ކަނޑުގެ ސިފައިންގެ ހުއްދަ ނެތި އެއްވެސް ބޯޓަކަށް އެ މަގުން ދަތުރު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އީރާނުން ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރަންދެން ކަނޑުއޮޅި އޮންނާނީ ސީލްކޮށްފައި ކަމަށްވެ ސް ޓްރަމްޕް ވިދާޅުވިއެވެ. އޭގެ އިތުރުން ހަނގުރާމަ މެދުކަނޑާލާފައި ބޭއްވުމަށް ދެ ގައުމުން އެއްބަސްވުމަށް ފަހު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތަކަށް ހުރަސް އަަޅައި ބްލޮކޭޑް ގާއިމުކޮށްފައެވެ. ހަނގުރާމަ ހުއްޓާލުމުގައި ލުބުނާން ހިމެނުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް 10 ދުވަހަށް މެދުކަނޑާލުމުން އީރާނުން މިދިޔަ ހަފުތާ ކަނޑުއޮޅި ހުޅުވާލިއެވެ. ނަމަވެސް، އެމެރިކާއިން ބްލޮކޭޑް ނިމުމަކަށް ނުގެނައުމުން އީރާނުން އަނެއްކާ ވެސް ވަނީ ކަނޑުއޮޅި ބަންދުކޮށްފައެވެ. ސުލްހައިގެ މަޝްވަރާތަކަށް ދާނީ އީރާނުގެ ބަނދަރުތަކަށް އަޅާފައި އޮތް ހުރަސްތައް ނައްތާލުމުން ކަމަށް އީރާނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ