މީގެކުރިން ވެސް މައި ކޭބަލަށް ގެއްލުންވި، އޮތީ ޓޭޕުއަޅައި ސިއްރުކޮށްފައި: ސްޓެލްކޯ

މީގެ ކުރިން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގެ މައި ކަރަންޓު ކޭބަލަށް ގެއްލުންވެފައިވާކަން ފާހަގަވެފައިވާކަމަށާއި، އެ ފަހަރު އޮތީ އެ ކަން ސިއްރުކުރަން އެ ކޭބަލުގައި ޓޭޕުއަޅައި ފޮރުވައިފައިކަމަށް ސްޓެލްކޯއިން ރޭ ބުނެފިއެވެ. މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވުމާ ގުޅިގެން ރޭ ނެރުނު ބަޔާނެއްގައި ސްޓެލްކޯއިން ބުނީ މި މަހުގެ 12ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތްކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ކަރަންޓު ކެނޑުނުކަމަށެވެ. ސްޓެލްކޯއިން ބުނީ، އެ ފަހަރު އެ ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓާ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، މީގެ ކުރިން ވެސް އެ ކޭބަލްގެ އެހެން ދިމާއަކަށް ގެއްލުން ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، އެފަހަރު، އެ ގެއްލުން ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން އޮތީ ސިއްރުކޮށްފައެވެ. އެ ފަދަ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިވެ، އަސާސީ ޚިދުމަތްތަކަށް ބުރޫއަރަމުންދާތީ އެ ކުންފުނިން ހިތާމަކުރާކަމަށް ބުންޏެވެ. ތަކުރާރުވަމުން އަންނަ މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ބައްދަލުވުމެއް ބާއްވައި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ސްޓެލްކޯއިން ބުނީ ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކު ކަމަށެވެ. "ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެކަމަށް ގަބޫލުކުރެވޭ." ސްޓެލްކޯއިން ބުންޏެވެ. އަދި ކޮނުމުގެ ތެރޭގައި ކަރަންޓު ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން ކުންފުންޏަށް އެންގުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. https://sun.mv/221092 މީގެ އިތުރުން، ކޮނުމުގެ މަސައްކަތްތައް ކުރާއިރު ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަށް އާންމު ފަރުދުންނަށާއި ކުންފުނިތަކަށް ސްޓެލްކޯއިން ވަނީ އިރުޝާދު ދީފައެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ