3.3 މިލިއަން ރުފިޔާގެ ޑުރަގު އެތެރެކުރުމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި
ވައިގެމަގުން ރާއްޖެއަށް 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށްވާ އުމުރުން 40 އަހަރުގެ ޝިފުލްއާއި 32 އަހަރުގެ ސަޖިބްއެވެ. ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި މަގުމަތީގައި ކަސްޓަމްސްއިން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރުމަށް ފަހުގައެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މި ދެ މީހުން ހިފަހައްޓާފައިވަނީ މަސްތުވާތަކެއްޗާއި މަނާ ބޭސް ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި އެ ދެ މީހުންގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1105 ގުރާމު ހުއްޓެވެ. https://sun.mv/221023 ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކަސްޓަމުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ވެސް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުުލައިގެންފައެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު، ވަކި މިންވަރަކަށް ވުރެ އިތުރަށް މަސްތުވާތަކެތި އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މިހާރު ވަނީ ގާނޫނަށް އިސްލާހު ގެނެސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ