ކަރަންޓު ބިލުތައް ހެދުމުގައި މައްސަލައެއް ނޫޅޭ ކަމަށާއި މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.
ނިމިދިޔަ މާރިޗު މަހުގެ ބިލްތައް ބޮޑުވެ އާންމުންގެ ކަންބޮޑުވުން އޮތް މި ދަނޑިވަޅުގައި ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިތު ވިދާޅުވީ ރާއްޖޭގައި ހޫނު މޫސުން އަންނަނީ މާޗު އޭޕްރީލް ހިސާބުގައި ކަމަށާއި އެގޮތުން މީގެކުރިން ވެސް ފެބްރުއަރީ ފަހުކޮޅުން ފެށިގެން އޭޕްރީލްގެ ނިޔަލަށް އާންމުކޮށް ބިލުތައް ބޮޑުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ވެސް މި ޝަކުވާތައް އައިސްފައިވާ ކަމަށާއި މިކަމުގައި އުޅެނީ ބިލު ހެދުމުގެ މައްސަލައެއް ނޫންކަން ޔަގީންކުރެވޭ ކަމަށް ނާޝިތު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ބިލިންގެ މައްސަލައެއް ނޫންކަން މި އަންނަނީ. މި އަންނަނީ ހަމަ ޖެނެރޭޝަން ކެޕޭސިޓީ އިތުރުވެގެންދާކަން. އަޅުގަނޑުމެންނަށް ޔަގީންކުރެވޭ ސަބަބަކީ އިންޖީނުގޭގެ ޑީސެލް ޖެނެރޭޝަނަށް ބަލާއިރު ވެސް ހަމަ ކޮންމެ ރަށެއްގައިހެން 25 ޕަސެންޓް އެބަ އިތުރުވޭ ހޫނު މޫސުމަށް،" ނާޝިތު ވިދާޅުވި އެވެ.
ފެނަކައިގެ ޗީފް ޑިވެލޮޕްމެންޓް އޮފިސަރު މުހައްމަދު ޝުޖާއު ވިދާޅުވީ ބިލުތައް ހަދާފައިވަނީ އީދު ދުވަހުން ފެށިގެން މާޗު 20 ގެ ނިޔަލަށް ކަމަށާއި އޭގެތެރޭގައި އީދު ދުވަހާއި، ޝައްވާލު މަހުގެ 6 ރޯދައިގެ ދުވަސްތައް ވެސް ހިމެނޭއިރު، ކަރަންޓު ބޭނުންކުރަމުން އައިސްފައިވަނީ ރޯދަ މަހުވެސް ބޭނުންކުރި ގޮތަށްކަން ފާހަގަކުރެވޭ ކަމަށެވެ.
"ބިލުގައި މި ހުންނަނީ ހަމަ ޔޫސޭޖް ބޭނުންކުރި ވަރަށް ހަމަ އަރާފައި. އިތުރު ކަމަކަށް ފާހަގަކުރެވެނީ ހޫނު މޫސުމަށް އައިސްފައިވާ ބަދަލުކަން ފާހަގަކުރެވެނީ،" ޝުޖާއު ވިދާޅުވި އެވެ.
ފެނަކައިން ވަނީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވިގެން ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.
ބިލު ހެދުމުގައި މައްސަލައެއް ނެތް، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ