ގަދަ ހޫނުގެ ސަބަބުން ސްކޫލުތަކުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ގެންދަން އަންގައިފި

ހޫނުގަދަވުމުގެ ސަބަބުން ސްކޫލުތަކަށް ކުދީން އެކްޓިވިޓީ ޔުނީފޯމުގައި ގެންދަން އަންގައިފިއެވެ. 'ސަން'އަށް މައުލޫމާތުދިން ބައެއް ބެލެނެވެރީން ބުނި ގޮތުގައި، މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން، ބައެއް ސްކޫލުތަކުން ވަނީ، ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި އައުމުގެ ފުރުސަތު އޮންނާނެކަމަށް އަންގައިފައިވާ ކަމަށެވެ. އެހެންކަމުން ބޮޑު ލުޔެއް ލިބިފައިވާކަން ބައެއް ބެލެނެވެރީން ވަނީ ފާހަގަކޮށްފައެވެ. ބެލެނެވެރީންގެ ފަރާތުން މިގޮތަށް މައުލޫމާތު ލިބުނު ނަމަވެސް މިކަން އިތުރަށް ސާފުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން، ފޯނު ނުނަގާތީ، މިނިސްޓްރީގެ ބަސް ލިބޭ ގޮތް ވަނީ ނުވެފައެވެ. މެޓް އޮފީހުން ވަނީ، ކޮންމެ އަހަރެއްގައި ވެސް އިރުވައި މޫސުމުގައި، ވަކިން ޚާއްސަކޮށް މާރިޗް މަހާއި އޭޕްރިލް މަހަކީ ރެކޯޑްތަކުން ދައްކާގޮތުގައި އެންމެ ހޫނުގަދަވާ ދެ މަސްކަން ފާހަގަކޮށްފައެެވެ. އަދި މި ދުވަސްވަރު މާބޮޑަށް ހޫނު ގަދަވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންކަން މެޓް އޮފީހުން ފާހަގަކުރެއެވެ. https://sun.mv/219780 އިހުސާސްކުރެވޭ ހޫނުމިން މަތިވުމުގެ ސަބަބުން ސިއްޙީ ގިނަ މައްސަލަތަކާވެސް ކުރިމަތިވާކަން އެޗްޕީއެއިން ވަނީ ފާހަގަކޮށްފައެވެ. ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމާއި، ހަންގަނޑު އެދުން ފަދަ ސިއްޙީ ގިނަ މައްސަލަތަކާ ކުރިމަތިވާކަމަށެވެ. އަދި މި ކަންކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހޫނުން ރައްކާތެރިވުމަށްޓަކައި ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އެޅުމަށާއި، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގިނައިން ފެން ބުއިމަށާއި، ބޭރަށްދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ