ވަކިކުރި މިނިސްޓަރުންގެ ތެރޭގައި ވަރަށް އިޚުލާސްތެރި މަސައްކަތްކުރެއްވި ބޭފުޅުން ވެސް ތިއްބެވި: ރައީސް
މި ސަރުކާރުން ވަކިކުރި ކޮންމެ ވަޒީރަކު ވަކިކުރީ މަސައްކަތަށް ފަރުވާކުޑަވުމުން ނޫން ކަމަށާއި، ވަކިކުރި ވަޒީރުންގެ ތެރޭ ވަރަށް އިޚްލާސްތެރިކަމާއެކީ މަސައްކަތްކުރެއްވި ބޭފުޅުން ތިއްބެވި ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ސިލްސިލާކޮށް ކޮންމެ ހަފުތާއެއްގެ ކޮންމެ ހޯމަ ދުވަހެއްގައި ބާއްވަވާ ނޫސްވެރިންގެ, މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް، ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދާ ކަމަށެވެ. ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދާއި، ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމާއި، ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ބައެއް މަގާމުތައް ހުރީ ހުސްކޮށް ކަމަށާއި، އޭގެ ތެރޭގައި ހައިކޮމިޝަނަރުންގެ މަގާމު ހިމެނޭ ކަމަށެވެ. https://sun.mv/221143 ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ނިންމި ނިންމުން ހަރުކަށިކޮށް ތަންފީޒުކުރާނެ ކަމަށެވެ. "މިނިސްޓްރީތައް މަދުކުރީ، އޭގެ ފުރަތަމަ ސްޓެޕް، މިނިސްޓަރުންގެ ބައެއް ޒިންމާތައް އިތުރުކޮށް، މިނިސްޓަރުން މަދުކޮށް މިނިސްޓްރީތައް މަދުކުރީ އޭގެ ފުރަތަމަ ކަމެއްގެ ގޮތުގައި،" އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ މިނިސްޓްރީއެއްގައި ތިބޭނެ ސިޔާސީ މުވައްޒަފުން ކަނޑައަޅައި ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ރައީސް އޮފީހުގެ ތެރޭ ބާރަށް އެބަ ހިނގާ ކަމަށާއި، އެ މަސައްކަތް ނިމުމުން ގިނަ ބައެއްގެ ވަޒީފާތައް އުވިގެން ދާނެ ކަމަށް، ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މުވައްޒަފުން މަސައްކަތްކުރާ ގޮތަށް ބެލުމަށް ފަހެވެ. މިނިސްޓަރުން ވަކިކުރުމުގައިވެސް މަސައްކަތުގެ ފެންވަރަށް ބަލައިފައިވާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވިގޮތުގައި ބައެއް މިނިސްޓަރުން ވަކިކުރެއްވީ މަސައްކަތަށް ފަރުވާކުޑަވުމުން ނޫނެވެ. "ކޮންމެ ބޭފުޅަކު ވަކިކުރީކީ ޕާފޯމަންސް ދަށްވެގެނެއްނޫން، ހަމަ ވަރަށް ރަނގަޅަށް މަސައްކަތްކުރި ބޭފުޅުންވެސް އެބަތިބި އިނގޭތޯ، ވަރަށް ޚިދުމަތްތެރި ރަނގަޅަށް މަސައްކަތްކުރި، އެހެން ނަމަވެސް ސަރުކާރުގެ ސައިޒް ކުޑަކޮށް ސަރުކާރު މަސައްކަތް ކުރަމުންދާ ގޮތް ބަދަލުކުރުމަށްޓަކައި އަޅުގަނޑު ނިންމި ބަދަލުތަކެއް އެއީ،" އެމަނިކުފާނު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، ޠާރިޤާއި ޝަރީފަކީ ރައީސް 22 މިނިސްޓަރުންނާއެކު ފުރަތަމަ އެކުލަވައިލެއްވި ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އޭގެ ތެރެއިން ޠާރިޤް ފުރަތަމަ އައްޔަންކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ކަމަށް ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހު ރައީސް ވަނީ، އެ މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައިފައެވެ. އޭގެ ފަހުން، މި މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަކަށް 10 މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވިއިރު، އޭގެ ތެރޭގައި ޝަރީފާއި ޠާރިޤް ވެސް ހިމެނިވަޑައިގަތެވެ. އޭރު ރައީސް އޮފީހުން ވަނީ، މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން ކަމަށް ބުނެފައެވެ. https://sun.mv/220693 އެ ބަދަލު ގެނައީ، މި މަހުގެ ހަތަރު ވަނަ ދުވަހު އޮތް ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ