ރަށްރަށަށް ދަތުރުކުރާ ލޯންޗު ފެރީތަކުގެ އަގު ބޮޑުކޮށްފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން އެސްޓީއޯއިން އަތޮޅުތަކުގެ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ބޮޑުވެ، މާލޭން ރަށްރަށަށް ދަތުރުކުރާ ލޯންޗު ފެރީތަކުގެ އަގު ވެސް އިންތިހާއަށް ބޮޑުކޮށްފި އެވެ.
ވީކިހިނެއް؟ - ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މަތިވެފަ އެވެ. އޭގެ ސަބަބުން ރާއްޖެއަށް ތެޔޮ އެތެރެކުރަން ޖެހޭ ހަރަދު ބޮޑުވެ، އެސްޓީއޯއިން އަތޮޅުތަކުގެ އަމިއްލަ ވިޔަފާރިތަކަށް ތެޔޮ ވިއްކާ އަގު ވަނީ ބޮޑުކޮށްފަ އެވެ.
ތަފްސީލް - އަތޮޅުންނާއި މާލޭން ވެސް ތެޔޮ ލިބޭ އަގު ބޮޑުވުމުގެ ސަބަބުން ލޯންޗު ފެރީތައް ވެސް ދަތުރުކުރަން ހިނގާ ހަރަދު ބޮޑުވާނެތީވެ މިދިޔަ ހަފުތާ ވެސް އަގު ބޮޑުކުރުމަށް ފަހު މިއަދާއި މާދަމާއިން ފެށިގެން އިތުރަށް އަގުތައް ވަނީ ބޮޑުކޮށްފަ އެވެ.
އެ ގޮތުން މައުލޫމާތު ލިބިފައިވާ ބައެއް އަތޮޅުތަކަށް ކުރާ ދަތުރުގެ އަގަށް އައިސްފައިވާ ބަދަލަކީ:
ބ. އަތޮޅު - މިހާރު 900ރ.؛ ކުރިން 600ރ.
ޅ. އަތޮޅު - މިހާރު 850ރ.؛ ކުރިން 500ރ.
ކ. އަތޮޅު - މިހާރު 150ރ. އާއި 200ރ. އާ ދެމެދު؛ ކުރިން 70ރ. އާއި 100ރ. އާ ދެމެދު
އއ. ތޮއްޑޫ، ރަސްދޫ - މިހާރު 400ރ.؛ ކުރިން 250ރ. އާއި 300ރ.
އދ. އަތޮޅު - މިހާރު 650ރ.؛ ކުރިން 400ރ.
މ. އަތޮޅު - މިހާރު 1200ރ.؛ ކުރިން 700ރ.
ތ. އަތޮޅު - މިހާރު 1300ރ.؛ ކުރިން 800ރ.
ލޯންޗު ދަތުރުކުރާ ފެރީތައް ހިންގާ ބައެއް ފަރާތްތަކުން 'ދައުރު'އަށް ބުނި ގޮތުގައި، ވިޔަފާރިތަކުން ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވާތީ ބައެއް އަތޮޅުތަކަށް އަގު އަދި ދަނީ މުރާޖާކުރަމުން ކަމަށެވެ. 
މާދަމާއިން ފެށިގެން މިދިޔަ ހަފުތާގައި ހުރި އަގުތަކަށް ބަދަލު އަންނާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ. މިދިޔަ ހަފުތާ ވެސް ގިނަ އަތޮޅުތަކަށް ކުރިން ހުރި ވަރަށް ވުރެ ގާތްގަނޑަކަށް 100ރ. ވަރު އަގުބޮޑުކޮށްފައިވާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
"އަޅުގަނޑުމެން ވެސް ދަތުރުކޮށްދޭ އަތޮޅުތަކުގެ ތެރެއިން ރ. އަތޮޅު، ބ. އަތޮޅު، އަދި ލ. އަތޮޅަށް ދަތުރުކޮށްދޭނެ އަގުތައް އަދި ފައިނަލެއް ނުވޭ. ގައިމު ވެސް މާދަމާއިން ފެށިގެން މި ފަހުން ބޮޑުކުރި ވަރަށް ވުރެ ވެސް އަގު ބޮޑުވާނެ،" އެތައް އަތޮޅަކަށް ލޯންޗު ފެރީގެ ހިދުމަތްދޭ ފަރާތަކުން ބުންޏެވެ.
އެނގުން މުހިންމު - ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވި ނަމަވެސް ރާއްޖޭގެ ތެލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައިވެ އެވެ. އެ ގޮތުން، އެސްޓީއޯއަށް ލިބޭނެކަމަށް ބެލެވޭ ފައިދާއިން ބައެއް ހިމަނައިގެން ތެލުގެ ސަބްސިޑީ އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ