ޕީއެންސީގައި މެންބަރުން ގިނައީ ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރާތީ: ފަލާހް

ވޭތުވެދިޔަ ދެ އަހަރުގެ މުއްދަތުގައި ވެރިކަންކުރާ ޕީއެންސީއަށް ގިނަ މެންބަރުން ސޮއިކުރީ ރައްޔިތުން އެދޭ ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަން ކުރައްވާތީ ކަމަށް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިރޭ ވިދާޅުވެއްޖެއެވެ. ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އެންމެ ކުރު މުއްދަތެއްގެ ތެރޭ ގިނަ މެންބަރުން ގުޅުނީ ޕީއެންސީއަށް ކަމަށެވެ. މީގެ ދެ އަހަރު ކުރިން ވެރިކަމާ ހަވާލުވިއިރު 3،000 އެއްހާ މެންބަރުން ތިބި ޕީއެންސީގައި މި ވަގުތު 74،000 އަށް ވުރެ ގިނަ މެންބަރުން އެބަތިބި ކަމަށް ވިދާޅުވެ، ވޭތުވެދިޔަ 25 ދުވަހުގެ ތެރޭ އިތުރު 5،000 މެންބަރުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ހަގީގަތުގައި ޕީއެންސީއަށް މިހާ ގިނަ އަދަދެއްގެ މެންބަރުން ޖަމާވުމުގެ މައިގަނޑު އެއް ސަބަބަކީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މި ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ ދެ އަހަރެއްހާ ދުވަހު އެ މަނިކުފާނު މި ރާއްޖެއަށް ގެންނަމުން މިދާ ހެޔޮ ބަދަލުތަކާއި ތަރައްގީއާއި އެ މަނިކުފާނު މި ރާއްޖޭގައި ހަލާކުވެފަވާ އެކިއެކި ދާއިރާތައް މުޅިން އާރާސްތުކުރައްވައި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މި ގައުމުގެ ވެރިކަން ބައްޓަންކުރަމުން ދާތީ،" ފަލާޙް ވިދާޅުވިއެވެ. ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު: އެންމެ މެންބަރުން ގިނައީ އެ ޕާޓީގައި -- ފޮޓޯ/ ޕީއެންސީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށާއި އުސޫލުތަކާ އެއްގޮތަށް ޕާޓީ ހިންގަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކަނި ކަމަށް ވެސް ފަލާޙް ވިދާޅުވިއެވެ. އަލަށް ހުޅުވި ޕީއެންސީގެ އިމާރާތަށް އިޝާރާތްކުރައްވާ ފަލާޙް ވިދާޅުވީ، ޕީއެންސީގެ އާ އޮފީސް އެހާ ފުރިހަމައަށް އިމާރާތްކުރެވުނީ ރައީސް ދެއްވި ލަފައާއި އިރުޝާދުގެ ދަށުން ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި ވެރިކަމާ ހަވާލުވިއިރު، ޕީއެންސީގައި އޭރު ތިބީ 3،000 އެއްހާ މެންބަރުންނެވެ. ޕީއެންސީއާ އެކު އައި ޕީޕީއެމް މިދިޔަ އަހަރުގެ ޖަނަވަރީ މަހު ފަހުކޮޅު އުވާލުމާ ހަމައަށް އެ ޕާޓީގައި ގާތްގަނޑަކަށް 35،000 މެންބަރުން ތިއްބެވެ. އޭގެ ފަހުން ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެ ޕާޓީގެ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުމެވެ. ނަމަވެސް، ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ މިދިޔަ އަހަރު ތެރޭގައި ވަރަށް ބޮޑުވެ، ޕީއެންސީއަށް ވެސް ގިނަ ތުހުމަތުތަކެއް އަމާޒުވިއެވެ. https://sun.mv/216474 އެގޮތުން، އައިޑީކާޑުތަކާއި ރައްޔިތުންގެ ލިޔެކިޔުން ބަލަހައްޓާ ޑީއެންއާރުގެ އޮފީސް އިމާރާތް ތެރޭގައި ޕީއެންސީއަށް ފޯމުފުރި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެކަންކުރާ ފޮޓޯތަކެއް ވެސް ވަނީ މީސްމީޑިއާގައި ލީކުވެފައެވެ. ޕީއެންސީން ވެސް ވަނީ ބައެއް ސައްހަކަން ކަށަވަރު ނުކުރެވޭ ފޯމުތަކެއް ފުރުނު ކަމަށް އިއުތިރާފުވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ފޯމުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން ހިނގި ކަމެއް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޕީއެންސީގައި މި ވަގުތު 74,048 މެންބަރުން އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ