މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ވައިގެ މަގުން ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ވައި ނުސާފުވެ ނުވަތަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެ ނަމަ ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް މަތިންދާ ބޯޓު ދަތުރު ކުރުމުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ، ރާއްޖޭގެ ވައިގެ ނިއަމިކަމުގެ ހިދުމަތް ދޭން ހަވާލުކޮށްފައިވާ ފަރާތުގެ ހައިސިއްޔަތުން ލާޒިމް ކުރާ ކަމެއް ކަމަށެވެ. އެގޮތުގެ މަތިން މިފަދަ ކޮންމެ ހާލަތެއް މެދުވެރިވާ ހިނދު ހަދާފައިވާ އުސޫލުތަކަށް އަމަލުކުރަމުން ދާ ކަމުގައި ވެސް އެ ފަރާތުން ބުނެއެވެ.
އޭގެ ތެރެއިން އެއް ފިޔަވަޅަކީ ބަލައިގެން ދުއްވާ ގަވާއިދު ނުވަތަ ވިޝުއަލް ފްލައިޓް ރޫލްސް (ވީއެފްއާރު) ވަގުތީ ގޮތުން މަޑުޖައްސާލައި، އިތުރު އެހީތެރިކަން ލިބޭނެ ގޮތަކަށް ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރު) އަށް ދަތުރުކުރަން މަތިންދީ ބޯޓުތަކަށް އަންގާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެގޮތުން ދުރުފެންނަ މިންވަރު 5 ކިލޯމީޓަރަށް ވުރެ ދަށްވާ ހާލަތްތަކުގައި ވީއެފްއާރު ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލައި، އެސްވީއެފްއާރު ބޭނުންކޮށްގެން ދަތުރު ކުރުމަށް މަތިންދާ ބޯޓުތަކަށް އެންގުމަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން، މީގެ ކުރިންވެސް އަމަލުކުރަމުން އައިސްފައިވާ އުސޫލެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެއެވެ.
މި ދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ބައެއް ފަހަރު ވީއެފްއާރު ވަގުތީ ގޮތުން މަޑުޖައްސާލައި, އެސްވީއެފްއާރު އަންނަނީ ބޭނުން ކުރަމުން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައް ކުރާ ހުރިހާ އެއާލައިންތަކާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމުންނެވެ. ހަމައެއާއެކު އެ ފަސިންޖަރުންނާއި އެއާލައިންތަކަށް އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށް ދިނުމަކީ ވެސް އެމްއޭސީއެލްގެ އަމާޒެކެވެ.
ރާއްޖޭގެ ވައި ނުސާފުވުމުނަ ވައިގެ ދަތުރު ކުރުމުގެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ