ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ރެއިޑްތަކާއި ވެނެޒުއޭލާގެ ހަމަނުޖެހުންތައް ދުނިޔޭގެ ސަމާލުކަން ހޯދި މި ދަނޑިވަޅުގައި، ސޯޝަލް މީޑިއާގެ ސަމާލުކަމަށް އައީ ޓްރެކްސޫޓެކެވެ.
އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރިކަން އިއުލާންކުރެއްވުމަށް މި މަހު 3ގައި ރައީސް ޑޮނަލްޑް ޓްރަމްޕް އެކްސްގައި ޕޯސްޓު ކުރެއްވި ފޮޓޯއާ އެކު، ލަސްތަކެއް ނުވެ އާއްމުން ވަނީ މަޑޫރޯ ތުރުކުރައްވައިގެން ހުންނެވީ ކޮން ހެދުމެއްކަން ބަލާހޯދާފަ އެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި މަޑޫރޯ ހުންނެވީ އަޅި ކުލައިގެ ނައިކީ ޓެކް 'ފްލީސް' ޓްރެކްސޫޓެއްގަ އެވެ.
އެމެރިކާއިން ވަގަށް މަޑޫރޯ ހައްޔަރުކުރި މައްސަލައިގައި ދުނިޔޭގެ އެކި ގައުމުތަކުން ހޫނު ބަހުސްތައް ކުރަމުން ދިޔައިރު، ސޯޝަލް މީޑިއާގެ ސަމާލުކަން އޮތީ އެ ޓްރެކްސޫޓަށެވެ. އެކި ޒާތުގެ 'މީމް'ތައް ދައުރުވި އެވެ. ގިނަ ބަޔަކު، މަޑޫރޯއަކީ މި އަހަރުގެ ފުރަތަމަ 'ފެޝަން އިންފްލުއެންސާ'އޭ ވެސް ކިޔަން ފެށި އެވެ. އިސާހިތަކު ދެން އެ ޓްރެކްސޫޓު ވިކި ހުސްވި އެވެ.
ސިޔާސީ ކަންކަމުން ފެޝަނަށް އަސަރު ކުރާ ކަމަށް ގަބޫލު ނުކުރާ ނަމަ، މަޑޫރޯ ނައިކީ ހެދުމެއްގައި ހުންނެވި މަންޒަރާ އެކު ނައިކީގެ ސްޓޮކް މަތިވީ ކީއްވެގެން ހެއްޔެވެ؟
ޓްރަމްޕް އެ ފޮޓޯ ޝާއިއުކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނައިކީ ޓެކްއަށް އޮންލައިން ސާޗްތައް އިތުރުވި އެވެ. އަދި އެ ޓްރެކްސޫޓުގެ އެކި ސައިޒުތައް ރާސްލާފައި ވިކެން ފެށި އެވެ. އެކަމަކު އެންމެ އަޖައިބުވާ ކަމަކީ މި ފޮޓޯ ވައިރަލް ވުމުގެ ކުރިން ނައިކީ ކުންފުނީގެ އެތެރޭގެ މީހުން ވެސް އެ ސްޓޮކް ގަންނަން ފަށާފައި އޮތުމެވެ.
މަޑޫރޯ ހައްޔަރު ކުރުމުގެ ދުވަސްތަކެއް ކުރިން ނައިކީގެ ސީއީއޯ އެލިއޮޓް ހިލް ވަނީ ނައިކީގެ 1 މިލިއަން ޑޮލަރުގެ ހިއްސާއެއް ގަނެފަ އެވެ. އޭގެ ސަބަބުން %4ގެ ފައިދާއެއް ލިބިފައިވެ އެވެ. އަދި އެޕަލްގެ ސީއީއޯ ޓިމް ކުކް ވަނީ މީގެ ހަފުތާއެއް ކުރިން 3 މިލިއަން ޑޮލަރުގެ އަގުހުރި ހިއްސާ ނައިކީއިން ގަނެފަ އެވެ. އޭގެ ސަބަބުން %11.2އަށް އަގު މައްޗަށް ދިޔަ އެވެ. މިގޮތަށް ހިއްސާ ގަތުމުން އަޖައިބުވަނީ ނައިކީގެ ހިއްސާގެ އަގު މީގެ ދެ ހަފުތާ ކުރިން %10އަށް ވުރެ ދަށަށް ގޮސްފައި އޮތުމުންނެވެ. ޓެކް ބިލިއަނަރުންނާއި ސީއީއޯއިން މިކަހަލަ ބޮޑު އިންވެސްޓްމަންޓެއް ކުރީ ކީއްވެގެން ހެއްޔެވެ؟
ކުރިއަށް ރާވާފައި ހުންނަ ސިޔާސީ ހަރަކާތްތަކާ ބެހޭ މައުލޫމާތު އެ މީހުންނަށް ލިބިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ދުނިޔޭގެ ތާރީހަށް ބަލާއިރު ސިޔާސީ ބޮޑެތި ހާދިސާތައް ފެޝަނަށް އަބަދުވެސް ނުފޫޒު ފޯރުވަ އެވެ. އެއް މިސާލަކީ 1914ގައި ހިނގި ފުރަތަމަ ބޮޑު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ފެޝަނަށް އައި ބޮޑު ބަދަލެވެ.
ސިޔާސީ ދާއިރާއަކީ ސަގާފަތް އަލުން ބައްޓަން ކުރާ އިންޖީނެކޭ ވެސް ބުނެވިދާނެ އެވެ. އެއީ ސިޔާސީ ހާދިސާތަކުގެ ސަބަބުން އަމިއްލަ ނަފްސު ދޭހަ ކޮށްދޭ ގޮތާއި ފޭރާމާއި ނަފްސާ އޮތް ގުޅުމުގެ މުހިއްމުކަން ފާހަގަވެ އެވެ.
މަޑޫރޯގެ ފޮޓޯއާ އެކު ސިޔާސީ ބޮޑު މައްސަލަގަނޑެއް އުފެދުނު އިރު، މި ޒަމާނުގެ އިޖްތިމާއީ ތަފާތުތައް ވެސް ހާމަވި އެވެ. އަދި ދުނިޔޭގެ އެންމެ ވަރުގަދަ ސަރުކާރުތަކާއި އެންމެ ބޮޑެތި ބައިނަލްއަގްވާމީ ކުންފުނިތަކާ އޮތް ގާތް ގުޅުން ވެސް ހާމަވި އެވެ.
ނިކޮލަސް މަޑޫރޯ ހައްޔަރު ކުރި ފޮޓޯތަކުން ނައިކީ ޓެކްއަށް ހިލޭ އިޝްތިހާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ