'ބޯޑާ 2' ވެސް ޢަރަބި ގައުމުތަކުގައި ދެއްކުން މަނާކޮށްފި
މާދަމާ ސިނަމާތަކުގައި ރިލީޒްކުރާ ބޮލީވުޑް ފިލްމު "ބޯޑާ 2" އަރަބި ޤައުމުތަކުގައި ދެއްކުން މަނާކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ މާކެޓުގައި ފިލްމަށް ލިބެމުން އަންނަ ތަރުހީބު ވަރަށް ރަނގަޅެވެ. އެ ގޮތުން, އެޑްވާންސްކޮށް ފިލްމުގެ ޓިކެޓް ގިނަ ބަޔަކު ގަންނަމުން އަންނައިރު ޢަރަބި ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށް ފިލްމު ބެލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމު "ބޯޑާ 2" ދެއްކުން މަނާކޮށްފައިވާ ޢަރަބި ޤައުމުތަކުގެ ތެރޭ ބަހްރައިން، ކުވައިތު، އޮމާން، ސަޢުދީ ޢަރަބިއްޔާ އަދި ޔޫއޭއީ ހިމެނެއެވެ. މި ޤައުމުތަކުގައި ފިލްމު "ބޯޑާ 2" ރިލީޒްކުރުން މަނާކޮށްފައިވަނީ އެ ފިލްމަކީ އެންޓި-ޕާކިސްތާނު ފިލްމެއް ކަމަށް ނިންމާފައިވާތީއެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން "ބޯޑާ 2"ގެ ޓީމުން ގަލްފް ޤައުމުތަކުގައި ފިލްމު ރިލީޒްކުރުމުގެ ހުއްދަ ހޯދުމަށް މަސައްކަތްކުރި ނަމަވެސް އެކަން ނާކާމިޔާބުވެފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމު "ބޯޑާ 2"ގެ މަންޒަރެއްގައި ސަނީ އަދި ބަތަލާ މޯނާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ ޖޭޕީ ދައްތާ ފިލްމްސްއާއި ބުޝަން ކުމާރުގެ ޓީ-ސީރީސް ގުޅިގެން ގެނެސްދޭ "ބޯޑާ 2" ރިލީޒްކުރުން އަރަބި ޤައުމުތަކުގައި މަނާކޮށްފައިވާއިރު، މިދިޔަ ޑިސެންބަރު މަހު ރިލީޒްކުރި ބޮލީވުޑް ފިލްމު "ދުރަންދަރު"ވެސް ވަނީ އެ ޤައުމުތަކުގައި ދެއްކުން މަނާކޮށްފައެވެ. ސަނީ ޑިއޯލް މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "ބޯޑާ 2" އަރަބި ޤައުމުތަކުގައި ދެއްކުން މަނާކުރިއިރު އެކްޓަރުގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ގަދަރު" އަދި "ގަދަރު 2" ވެސް އެ ޤައުމުތަކުގައި ދެއްކުން މަނާކުރިއެވެ. ފިލްމު "ބޯޑާ 2" ބިނާކޮށްފައި ވަނީ 1971 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރިއަށްދިޔަ ހަނގުރާމައިގެ އިންޑިއާގެ އަސްކަރިއްޔާއާއި ނޭވީ އޮފިސަރުން އަދި އެއާފޯސް ގުޅިގެން ކުރި ހޯދުމަށް ކުރި މަސައްކަތްތަކުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ