ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރާ ވަކީލުންގެ މުސާރަ ބޮޑު ނުކުރާ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވި އެއްޗަކާ ހިތްހަމަނުޖެހިގެން ހަޅުތާލު ކުރަން ވަކީލުން ވިސްނަން ފަށައިފި އެވެ.
ޕީޖީ އޮފީހުގައި 97 ވަކީލުން މަސައްކަތް ކުރެ އެވެ. އެ އޮފީހުގެ ސީނިއާ ވަކީލުން ފިޔަވައި ދެން ތިބި ވަކީލުންނަށް ލިބެނީ 24،000ރ. އެވެ. ސީނިއާ ވަކީލުންނަށް އެންމެ މަތިން ލިބެނީ 35،000ރ. އެވެ.
މުސާރައިގެ މައްސަލައިގައި ޕީޖީ އޮފީހަށް ޕެޓިޝަނެއް ހުށަހަޅާ ވާހަކަ ވަކީލުންނާއި ޕީޖީ އިންނަވާ ވަޓްސްއެޕް ގްރޫޕެއްގައި މުވައްޒަފަކު ދެއްކުމުން އައްބާސް ވިދާޅުވީ، އޭނާއަށް ޕެޓިޝަން ހުށަހަޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ޕެޓިޝަން ހުށަހެޅުމުގެ ބޭނުމެއް ނެތް ކަމަށް އައްބާސް ވިދާޅުވީ، މުވައްޒަފުންގެ ކޮންބޮޑުވުންތައް އޭނާއަށް މިހާރު ވެސް އެނގިވަޑައިގަންނަވާތީ ކަމަށް ވިދާޅުވުމަށްފަހު އެވެ. އައްބާސް އެހެން ވިދާޅުވި ފަހުން ވަކީލަކު ވަނީ، ހަޅުތާލު ކުރުމުގެ ހައްގު ގާނޫނުއަސާސީ އިން ލިބިދޭ މާއްދާގެ ފޮޓޯއެއް ގްރޫޕަށް ފޮނުވައިފަ އެވެ.
އޭގެ ފަހުން، ވަކީލުން ވަނީ އޮފީހުގައި މިއަދު ބައްދަލުވުމެއް ބާއްވައި ޕެޓިޝަނުގައި ސޮއި ކުރަން ފަށައިފަ އެވެ. އަދި ހަޅުތާަލު ކުރުމަށް ވެސް އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ. ނަމަވެސް މަސައްކަތް ހުއްޓާލުމާމެދު އަދި މިހާތަނަށް ވަކި ގޮތެއް ވަކީލުން ނުނިންމަ އެވެ.
ޕީޖީ އޮފީހުން ކޮންމެ އަހަރަކު 3500 އާ ގާތްކުރާ އަދަދެއްގެ މައްސަލަ ކޯޓުތަކަށް ހުށަހަޅަ އެވެ. އޭގެ އިތުރުން، ނަސޭހަތުގެ އެއްބަސްވުން ހެދުމާއި އިއުތިރާފު އެއްބަސްވުން ހެދުމާއި އެކި އިދާރާތަކުން ފޮނުވާ މައްސަލަތައް ބަލައިގަތުމާމެދު ގޮތެއް ނިންމުމަކީ ވެސް އެ އޮފީހުން ކުރަންޖެހޭ ކަމެކެވެ.
ޕީޖީގެ ވަކީލުން ހަޅުތާލުކޮށްފި ނަމަ ޖީނާއީ އަދުލުގެ ނިޒާމް މުޅިން ކަހަލަ ގޮތަކަށް ހުއްޓޭނެ އެވެ. އެއިރުން އެއްވެސް ކޯޓެއްގައި ޖިނާއީ މައްސަލައެއްގެ އަޑުއެހުމެއް ކުރިއަކަށް ނުގެންދެވޭނެ އެވެ. މީގެ ކުރިން ވެސް ހަމަ މުސާރައިގެ މައްސަލައިގައި ދައުލަތުގެ ވަކީލުން ވަނީ މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފަ އެވެ.
ޕީޖީ އޮފީހުގެ ވަކީލުންގެ މުސާރަ ބޮޑުނުކޮށް، ސަރުކާރުން މިފަހުން ވަނީ ބަންޑާރަނައިބުގެ އޮފީހުގެ ވަކީލުންގެ މުސާރައިގެ އޮނިގަނޑަށް ރަނގަޅު ބަދަލެއް ގެނެސްފަ އެވެ. އޭގެ އެއް ބޭނުމެއް ކަމަށް ސަރުކާރުން ކުރިން ބުނެފައި ވަނީ ޕްރިވެޓް ސެކްޓާގެ މުސާރަތަކާ ވާދަ ކުރެވޭ ވަރުގެ މުސާރައެއް ދައުލަތުގެ ވަކީލުންނަށް ވެސް ދިނުމެވެ.
ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލުން ނަގާ ފީ އެވްރެޖުކޮށް އުޅެނީ މައްސަލައަކަށް މަދުވެގެން 50،000ރ. ކަމަށް މި ނޫހާ ވާހަކަ ދެއްކި ބައެއް ވަކީލުން ބުންޏެވެ. ކޮންމެ ބަންދު އަޑުއެހުމަކަށް ވެސް އެވްރެޖްކޮށް 10،000ރ. ނަގާ ކަމަށްވެ އެވެ.
މުސާރައިގެ މައްސަލައިގައި ޕީޖީ އައްބާސް ވިދާޅުވި އެއްޗަކާ ހިިތްހަމަނުޖެހިގެން ވަކީލުން ހަޅުތާލު ކުރަން ވިސްނަނީ މުސާރައިގެ މައްސަލައިގައި ޕީޖީ އައްބާސް ވިދާޅުވި އެއްޗަކާ ހިިތްހަމަނުޖެހިގެން ވަކީލުން ހަޅުތާލު ކުރަން ވިސްނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ