ވަޒީފާއާބެހޭ ޤާނޫނަށް ނުވަވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފި އެވެ.
މި ބިލަކީ، މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި އިޞްލާޙު ގެނައުމުގެ ބޭނުމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި، އެނޫންވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ކަށަވަރުކޮށް އެ ޙައްޤުތައް ލިއްބައިދޭ މޭރުމުން، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމެވެ.
އެގޮތުން ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ޢުމުރުން ދެ އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅުއްވާފައެވެ. މީގެއިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ޤާނޫނުގެ ދަށުން ދައްކަންޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމި ދާނެކަމަށް ބިލުގައި ކަނޑައަޅުއްވާފައިވެއެވެ.
އަދި، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.
ބިލް ތަސްދީގު ކުރައްވައިފި، ދަރިފުޅަށް ދެ އަހަރު ވަންދެން ކުއްޖާ ބެލުމަށް ވަގުތު ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ