ލޯކަލް މާރުކޭޓް ހުރި ބިމުގައި، ޒަމާނީ މާކެޓް ކޮމްޕްލެކްސްއެއް ތަރައްގީކުރަން 126 މިލިއަނަށް ހަވާލުކޮށްފި
ލޯކަލް މާރުކޭޓް ހުރި ބިމުގައި ޒަމާނީ މާކެޓް ކޮންޕްލެކްސްއެއް ތަރައްގީކުރަން ކޮންސްޓަރަކްޝަން މިނިސްޓްރީން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫގެ މަސައްކަތް މިނިސްޓްރީން ހަވާލުކޮށްފައިވަނީ، ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް ހަވާލުކުރީ ޖުމުލަ 126 މިލިއަން ރުފިޔާއަށެވެ. މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޕާމަނަންޓް ސެކެޓްރީ މުޙައްމަދު ޝާމިލެއެވެ. އަދި، ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ހާދީއެވެ. މިނިސްޓްރީއިން ވަނީ މި އެއްބަސްވުމުގެ ޖުމުލަ އަގު 126,359,594 ރުފިޔާއަށް އަރާކަމަށް ބުނެފައެވެ. މި ޕްރޮޖެކްޓުގެ މުއްދަތެއްގެ ގޮތުގައި މިނިސްޓްރީން ކަނޑާއަޅާފައިވަނީ 600 ދުވަހެވެ. ލޯކަލް މާރުކޭޓް ހުރި ބިމުގައި ޒަމާނީ މާކެޓް ކޮމްޕްލެކްސްއެއް ތަރައްގީކުރަން 126 މިލިއަނަށް ހަވާލުކޮށްފި -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ބޭސްމަންޓުގައި ޕާކުކުރެވޭނޭ ފަދަ ޕާކިން އޭރިއާއަކާއި، ގްރައުންޑް ފްލޯގައި މަސް މާރުކޭޓަކާއި ފުރަތަމަ ތިން ފްލޯގައި ތަރުކާރީ ވިއްކާ މާރުކޭޓެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އަދި، ހަތަރުވަނަ ފްލޯގައި ފުޑްކޯޓެއް ތަރައްގީކުރަން ވަނީ ނިންމާފައެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ހިންގަން ނިންމެވި މަޝްރޫއެކެވެ. އެކަމަކު، އޭގެ ފަހުން މޭޔަރުކަމަށް ވަޑައިގެން އާދަމް އާޒިމް މިދިޔަ އަހަރު ވަނީ އެ މަސައްކަތް މަޑުޖެހިފައި އޮތީ ދެ ކުންފުންޏަކާ އެކު ގޮތް ނޭނގޭ އެބަސްވުންތަކެއް ހަދާފައިވުމުން ކަމަށް ތުހުމަތުކުރައްވާފައެވެ. އެ ގޮތުން، ފުރަތަމަ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައި އޮއްވާ ފަހުން ގޮތް ނޭނގޭ ދެވަނަ 9.6 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެ އެއްބަސްވުން ހެދި މީހެއް ވެސް ނޭނގޭ ކަމަށް އޭރު އޭނާ ތުހުމަތުކުރެއްވިއެވެ. ފަހުން ހެދި އެއްބަސްވުމުގެ ސަބަބުން މަސައްކަތް ހުއްޓި، މިހާރު މާރުކޭޓު ހުރި ބިން ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭރު އާދަމް އާޒިމް ވިދާޅުވިއެވެ. އެ އެއްބަސްވުންތަކަށް ފަހުން ހެދި ގޮތުގެ ތަފުސީލެއް ހާމަނުކުރާއިރު، އެ މަސައްކަތް މި ފަހަރު ހަވާލުކުރީ މިނިސްޓްރީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ