ތިޔައީ މަހުޖަނެކެވެ. ކޮންމެ ދުވަހަކު 86،400 ޖަމާވާ އެކައުންޓެއްގެ ވެރިއެކެވެ.
މިއީ ތިބާގެ އަތުގައިވާ އެންމެ އަގުބޮޑު ބޭންކް އެކައުންޓުގެ ވާހަކައެވެ. މާދަމާ ހެނދުނު ހޭލާއިރު، ބޭންކުން އައިސްފައިވާ އާދަޔާޚިލާފު މެސެޖަކާ މެދު ވިސްނާލަބަލާށެވެ. ތިބާގެ އެކައުންޓަށް 86,400 ރުފިޔާ ޖަމާކުރެވިއްޖެއެވެ. ނަމަވެސް މީގައި އޮތީ އެންމެ ޝަރުތެކެވެ: ދުވަސް ނިމޭއިރު ބޭނުންނުކޮށް ބާކީ ހުރި ހުރިހައި ފައިސާއެއް އުނިވެގެންދާނެއެވެ. އެ ފައިސާ ރައްކާކުރެވޭކަށް ނެތެވެ. މާދަމާއަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި އެހެން މީހެއްގެ އެކައުންޓަށް ފޮނުވައެއްވެސް ނުލެވޭނެއެވެ. މެންދަމު ބާރަ ޖަހާއިރު، ބޭނުންނުކޮށް ހުރި ބާކީ ބައި އެއްކޮށް ގެއްލިގެންދާނެއެވެ. ތިބާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެމެންގެ ތެރެއިން ގިނަ މީހުން ވަގުތުން ރޭވުންތައް ރާވަން ފަށާނެއެވެ. އެންމެ ރުފިޔާއެއްވެސް ބޭކާރުވިޔަނުދީ، ބުއްދިވެރި ގޮތުގައި އެ ފައިސާ އިންވެސްޓްކުރުމަށާއި، ބޭނުންތެރި ކަންކަމަށް ޚަރަދުކުރުމަށާއި، އެހެން މީހުންނަށް އެހީވުމަށް ނުވަތަ އަމިއްލަ ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތް ކުރާނެއެވެ. އެންމެ ރުފިޔާއެއްވެސް ބޭކާރުވެގެންދާން ދޫކޮށްލުމަކީ ބޮޑު އިސްރާފެއް ކަމުގައި އަހަރެމެން ދެކޭނެއެވެ. ނަމަވެސް ހަގީގަތަކީ، އަހަރެމެން ކޮންމެ މީހެއްގެ އަތުގައިވެސް މިފަދަ އެކައުންޓެއް މިހާރުވެސް އެބައޮތެވެ. އެ އެކައުންޓުގެ ނަމަކީ "ވަގުތު" އެވެ. ކެޕްޝަން.. ތިބާގެ ދުވަހު ފައިސާ (ވަގުތު) ކޮންމެ ދުވަހަކު ހެނދުނު އަހަރެމެން ހޭލާއިރު، ދިރިއުޅުމަށް އަހަރެމެންގެ އެކައުންޓަށް 86,400 ސިކުންތު ހިމޭންކަމާއެކު ޖަމާކޮށްދެއެވެ. މީގައި އިސްތިސްނާއެއް ނެތެވެ. މީގައި މަޝްވަރާއެއް ވެސް ނެތެވެ. ކޮންމެ މީހަކަށްވެސް ލިބެނީ ހަމަ އެއް މިންވަރެކެވެ. މުއްސަނދި މަހުޖަނަކަށްވެސް ލިބެނީ 86,400 ސިކުންތެވެ. ކިޔަވާ ކުއްޖާއަށްވެސް ލިބެނީ 86,400 ސިކުންތެވެ. ކުންފުންޏެއްގެ ސީ.އީ.އޯ އަށްވެސް ލިބެނީ 86,400 ސިކުންތެވެ. ވަޒީރަކަށް ވެސް މަސްވެރިޔަކަށް ވެސް އެވަރެވެ. މުދައްރިސު، ފަންނާނު، އަދި މައިންބަފައިން - މި އެންމެންނަށްވެސް ލިބެނީ ހަމަ އެއް މިންވަރެކެވެ.ދިރިއުޅުމުގެ ބޮޑު އިގްތިސާދުގައި، ވަގުތަކީ ކޮންމެ އިންސާނަކަށް ހަމަހަމައަށް ބެހިގެންވާ ހަމައެކަނި ފައިސާއެވެ. ނަމަވެސް ފައިސާއާ ޚިލާފަށް، ވަގުތުގެ ގަވާއިދުތައް ވަރަށް ހަރުކަށިވެފައި ތަފާތެވެ. ވަގުތުގެ ބޭންކުގެ ގަވާއިދުތައް މި ޚާއްޞަ ބޭންކް އެކައުންޓް ހިންގަނީ މާލީ އިދާރާތަކާ މުޅިން ތަފާތު ގޮތަކަށެވެ. ބާކީވާ ބައި ފަހަށް ރައްކާ ނުކުރެވެއެވެ. މިއަދު ބޭނުންނުކޮށް ދޫކޮށްލާ ކޮންމެ ވަގުތަކީ ދާއިމަށް ގެއްލިގެންދާ އެއްޗެކެވެ. މުސްތަޤްބަލަށްޓަކައި ވަގުތު ރައްކާކޮށްފައެއް ނުބެހެއްޓޭނެއެވެ. މާދަމާގެ ވަގުތުން މިއަދު ބޭނުންކުރުމަށް، ދަރަންޏަށް ވަގުތެއް ނުނެގޭނެއެވެ. އަދި ލޯނެއްވެސް ނުލިބޭނެއެވެ. އެހެން މީހެއްގެ ވަގުތެއް ތިބާއަށް ބޭނުމެއް ނުކުރެވޭނެއެވެ. އަދި މެންދަމު ބާރަ ޖަހާއިރު، ބޭނުންނުކޮށް ހުރި 86,400 ސިކުންތުގެ ބާކީބައި ތާއަބަދަށް ފޮހެވިގެންދާނެއެވެ. އެއީ އަނބުރާ ހޯދޭނެ ނުވަތަ ބަދަލު ހޯދޭނެ އެއްޗެއް ނޫނެވެ. "ވަގުތު ނެތް" ކަމަށް ހީވުން މީހުން އާންމުކޮށް ބުނެއުޅެއެވެ. "އަހަންނަށް ވަގުތެއް ނެތެވެ. ވަރަށް ބިޒީއެވެ". ނަމަވެސް ހަގީގަތަކީ މިއެވެ. ކޮންމެ މީހެއްގެ އަތުގައިވެސް އޮތީ ހަމަ އެއްވަރެއްގެ ވަގުތެވެ. ތަފާތަކީ އެ ވަގުތު ހޭދަކުރުމަށް އަހަރެމެން އިޚްތިޔާރުކުރާ ގޮތެވެ. ފައިސާއެކޭ އެއްފަދައިން، ވަގުތަކީ އަހަރެމެން އެންމެ އިސްކަންދޭ ކަންތައްތައް ހާމަކޮށްދޭ އެއްޗެކެވެ. ކަމަކީ އަހަރެމެންނަށް މުހިންމު ކަމެއް ނަމަ، އެކަމަށް ވަގުތު ހޯދާނެއެވެ. މުހިންމު ނޫން ނަމަ، "ބިޒީކަމުން" ވަގުތު ނެތް ކަމަށް ބުނާނެއެވެ. މިއީ ވަގުތު މަދުވުމުގެ މައްސަލައެއް ނޫނެވެ. މިއީ އިސްކަންދޭންވީ ކަންކަން ނޭނގުމުގެ މައްސަލައެކެވެ. ތިބާގެ ވަގުތު ދަނީ ކޮންތާކަށް؟ ދުވާލަކު ލިބޭ 86,400 ސިކުންތު ހޭދަވާ ގޮތާ މެދު ވިސްނާލަބަލާށެވެ. ބައެއް ވަގުތު ވަޒީފާއަށް، ބައެއް ވަގުތު އާއިލާއަށް، އަދި ބައެއް ވަގުތު އަރާމުކުރުމަށް ހޭދަވެއެވެ. ނަމަވެސް ގިނަ ފަހަރަށް، ބޭކާރު ކަންކަމުގެ ތެރެއަށް ވަރަށް ގިނަ ވަގުތު ގެއްލިގެންދެއެވެ. ފޯނުން ސޯޝަލް މީޑިއާ ބެލުމުގައާއި، ބޭކާރު ކަންބޮޑުވުންތަކުގައާއި، ކަންކަން ފަސްކުރުމުގައެވެ. ފައިސާއާ މެދު ތިބާ އަމަލުކުރާ ގޮތަށް ވަގުތާ މެދު އަމަލުކުރާނެ ނަމަ ކިހިނެއް ވާނެ ހެއްޔެވެ؟ ކޮންމެ ދުވަހަކު 10,000 ރުފިޔާ އުކާލަފާނަން ހެއްޔެވެ؟ އެކަކުވެސް އެހެންނެއް ނުހަދާނެއެވެ. އެހެންނަމަވެސް، ފައިސާއަށްވުރެ މާ އަގުބޮޑު ވަގުތު، އަހަރެމެންނަށް ނޭނގި ބޭކާރުވެގެންދާއިރު އަޅާވެސް ނުލެވެއެވެ. ދިރިއުޅުމުގެ ހަގީގީ މުއްސަނދިކަން ފައިސާއަކީ އަލުން ހޯދޭނެ އެއްޗެކެވެ. ގެއްލޭ މުދާ އަލުން ހޯދައި ބިނާކުރެވިދާނެއެވެ. ވިޔަފާރިތައް އަލުން ކޮޅަށް ޖެހިދާނެއެވެ. ނަމަވެސް ވަގުތަކީ އަނބުރާ ނުލިބޭނެ ހަމައެކަނި ވަޞީލަތެވެ. އެންމެ ސިކުންތެއް ފާއިތުވިޔަސް، އެ ދިޔައީއެވެ. ކާމިޔާބު މީހުންނާއި، ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅޭ މީހުންގެ ކިބައިގައި އެއް ސިފައެއް ހުރެއެވެ. އެމީހުން ވަގުތަށް އިޙްތިރާމް ކުރެއެވެ. ވަގުތު އިންވެސްޓް ކުރަނީ ފަރުވާތެރިކަމާއެކުގައެވެ. ވަގުތު ބުއްދިވެރިކޮށް ހޭދަކުރެއެވެ. މާނަވީ ދިރިއުޅުމެއްގެ ސިއްރަކީ ހަމައެކަނި ގިނަ މަސައްކަތް ކުރުމެއް ނޫނެވެ. އެއީ މަގްޞަދެއް އޮވެގެން ވަގުތު ހޭދަކުރުމެވެ. ހެޔޮ ޢަމަލު ކުރުމަށާއި އާ އެއްޗެއް ދަސްކުރުމަށް ވަގުތު ހޭދަކުރާށެވެ. ގުޅުންތައް ބަދަހިކުރުމަށާއި ތިބާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ވަގުތު ހޭދަކުރާށެވެ. ސިއްހަތު ރަނގަޅުކުރުމަށާއި އެހެން މީހުންނަށް އެހީތެރިވުމަށް ވަގުތު ހޭދަކުރާށެވެ. ކުދިކުދި ވަގުތުކޮޅުތަކަކީވެސް މުހިންމު އެއްޗެކެވެ. ލޯބިވާ މީހަކާ ވާހަކަދައްކާލުމާއި، ހެނދުނުގެ ހިތްގައިމު ވަގުތުގައި ހިނގާލުމަކީ ފައިސާއަށްވުރެ އަގުބޮޑު އިންވެސްޓްމަންޓްތަކެވެ. ކޮންމެ ރެއަކު، ތިބާގެ ވަގުތުގެ އެކައުންޓް ރިސެޓްވެއެވެ. ދުވަސް ކާމިޔާބުވިޔަސް ނުވަތަ ބޭކާރުވިޔަސް، ބާރަ ޖަހާއިރު އެ ދުވަހުގެ ހިސާބު ނިމުނީއެވެ. އަދި އަނެއް ދުވަހު ހެނދުނު، އާ 86,400 ސިކުންތު އަނެއްކާވެސް ލިބެއެވެ. ދިރިއުޅުން އަހަރެމެންނަށް އާ ފުރުސަތެއް ދެއެވެ. އެންމެ މުހިންމު ސުވާލަކީ "އަހަރެމެންގެ އަތުގައި ކިހާ ވަގުތެއް އެބައޮތް ހެއްޔެވެ؟" މިއެއް ނޫނެވެ. އެންމެ މުހިންމު ސުވާލަކީ "މިއަދު ލިބިފައިވާ ވަގުތުން އަހަރެމެން ކުރަނީ ކީއްހެއްޔެވެ؟". މާދަމާ ހެނދުނު، ތިބާގެ އެކައުންޓަށް އަނެއްކާވެސް އެންމެ އަގުބޮޑު އަމާނާތް ލިބޭނެއެވެ. އެ ވަގުތު ހެޔޮގޮތުގައި ހޭދަކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ