އާސިފް މިނިވަންވީ ރިޔާސީ ކެމްޕެއިން ތެރޭ ސޯލިހް މާފް ދިނުމުން

މީހަކު މާރާލަން ހަމަލާދިން މައްސަލައެއްގައި 10 އަހަރުގެ ހުކުމެއް އިއްވާފައި އޮތް އިސްމާއިލް އާސިފް މިނިވަންވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ ހުކުމަށް މައާފް ދެއްވުމުންކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - މާލޭ ގެއަކުން މިދިޔަ މަހު 4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި އާސިފް، 36، ވަނީ ހައްޔަރުކޮށްފަ އެވެ. މިދިޔަ އަހަރު ވެސް އެއްބަނޑުއެއްބަފާ ބޭބެގެ ބޮލަށް ކަތިވަޅިއެއް ހަރާލައިގެން އާސިފް ހައްޔަރުކޮށްފައިވެ އެވެ.
ތަފްސީލު - މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެ، އާސިފްއަށް 10 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ސެޕްޓެމްބަރު 2022ގަ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'ން އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި:
އާސިފްއަށް ހުކުމް ކުރިތާ އަހަރެއް ފަހުން، 19 ސެޕްޓަމްބަރު 2023ގައި ސޯލިހް ވަނީ އޭނާގެ ހުކުމަށް ލުއި ދެއްވާފައި
އެ ހުކުމަށް ސޯލިހް ލުއިދެއްވީ ހުކުމްގެ ބާކީ އޮތް މުއްދަތު ފަސް ދުވަހަށް ކުރުކޮށްގެން
އެހެންވެ، 25 ސެޕްޓެމްބަރު 2023 އިން ފެށިގެން އާސިފް ވަނީ މިނިވަންވެފައި
ސޯލިހް އާސިފްއަށް މައާފް ދީފައި މި ވަނީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު، ދެ ވަނަ ބުރު ބޭއްވުމުގެ ކުރިންނެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮތީ 30 ސެޕްޓެމްބަރު 2023ގަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީހަކު މަރާލަން އުޅުނުކަން ސާބިތުވެފައިވާ މީހަކަށް ރައީސް ސޯލިހް މައާފް ދެއްވިއިރު، އެ ވެރިކަން ބަދަލުވުމުގެ ކުރިން އެ މަނިކުފާނު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އިސް އެކަކަށް ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް މައާފް ދެއްވައި މިނިވަން ކުރައްވާފަ އެވެ. އޭގެ އިތުރުން، އެ ހިޔާނާތުގައި ހިމެނޭ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް މައާފް ދެއްވާފައިވެ އެވެ.
މީގެ ތިން އަހަރު ކުރިން އާސިފަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ، 2019 ވަނަ އަހަރު ތެރޭ އއ. މާޅޮހު ބޭރުގައި އޮތް 'ޖަރީ' ދޯނީގެ ތެރޭގައި ހިންގި މާރާމާރީއަކާ ގުޅިގެންނެވެ.
އެއީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ، ހަރުކަށި ފިކުރުގެ މީހުން ލަނޑާ ނަގަން ނުކުމެ އުޅޭ ދޯންޏެކެވެ. އެ ދޯނި ތެރޭގައި ހިންގި ޒުވާބެއްގެ ތެރެއިން އާސިފް ހަމަލާދީފައި ވަނީ އިސްމާއިލް ހައްމާދަށެވެ. އެގޮތުން:
ދެ މީހުން ދެމެދު ހިންގި ޒުވާބަކީ، ދީނީ ގޮތުން އުފެދުނު ދެބަސްވުމެއްގައި ކަމަށް ހައްމާދު އޭރު ތަހުގީގަށް ކިޔައިދީފައިވޭ
ހައްމާދަށް ހަމަލާ ދިނުމަށް ފަހު، އާސިފް އޭނާ މޫދަށް އެއްލާލި؛ ހައްމާދުގެ ފުރާނަ ސަލާމަތްވީ، ފަތާފައި ގޮސް މާޅޮހަށް އަރައި ސިއްހީ މަރުކަޒުން ފަރުވާ ހޯދުމުން
ހައްމާދުގެ ބޮލަށާއި ވައަތު ކޮލަށާއި ވައަތު ކަންފަތަށާއި ވައަތުގެ އަތްތިލައަށާއި އިނގިލިތަކަށާއި ތުންފަތަށާއި ބުރަކައްޓަށް ވެސް ވަޅިން ހަމަލާދީފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ