އަބްދުﷲ ހަމީދުގެ ހަށިކޮޅު މާލެ ގެނެސް ޖަނާޒާ އަށް ތައްޔާރުވަނީ

ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ހަށިކޮޅު މީގެ ކުޑައިރުކޮޅެއް ކުރިން މާލެ ގެނެސް އެ ބޭފުޅާގެ ރަސްމީ ޖަނާޒާ އަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި އެވެ.
އިންޑިއަން އެއާލައިންގެ މަތިންދާބޯޓެއްގައި ބެންގަލޫރުން މާލޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް އަބްދުﷲ ހަމީދުގެ ހަށިކޮޅު ގެނެވުނުއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އެއާޕޯޓަށް ވަޑައިގެން ހުންނެވި އެވެ.
އަބްދުﷲ ހަމީދަކީ މައުމޫން އަބްދުލް ގައްޔޫމުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅުގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބެ އެކެވެ.
މައުމޫނުގެ ވެރިކަމުގައި އަބްދުﷲ ހަމީދު ވަނީ އެޓޯލްސް މިނިސްޓަރު ކަމުގެ މަގާމާއި އެޑިއުކޭޝަން މިނިސްޓަރުކަމުގެ މަގާމު އަދި މަޖިލީހުގެ ރައީސްކަން ވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވައިފަ އެވެ. މައުމޫނުގެ ޒަމާންވީ ވެރިކަމަށް ފަހު ސްރީލަންކާގައި ދިރިއުޅުއްވި ނަމަވެސް 2013 ވަނަ އަހަރު ދިރިއުޅުން ރާއްޖެ އަށް ބަދަލުކުރެއްވި އެވެ.
ކުއްލިގޮތަށް އިއްޔެ އަވަހާރަވެފައި ވަނީ ހިތްހުއްޓިގެންނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ.
އަބްދުﷲ ހަމީދު ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ ރަސްމީ އިއްޒަތުގަ އެވެ. ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވަންދެން ދައުލަތަށް ހިދުމަތްކުރެއްވި އަބްދުﷲ ހަމީދުގެ މޫނު ދެއްކުން އޮންނާނީ މިއަދު މެންދުރު ފަހު އެއްގަޑި ސުންމިނެޓުން ފެށިގެން އިރުއޮއްސި ހަތެއް ޖަހަންދެންއާ ހަމަ އަށެވެ.
ކަށު ނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ