އިންތިހާބަށް 2 ދުވަސް އޮއްވާ އޭސީސީގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ހިޔާލު ހޯދުމުގެ ވޯޓާއި ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ މައްސަލަތައް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން ނުދާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުން ދަނިކޮށް، އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ސަރުކަރުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުން ފެށިގެން ބޮޑު މުސާރަ ހިނގާ ގޮތަށް ނިންމައި ޕޭ ކޮމިޝަނުން ވަނީ އޭސީސީއަށް މިހާރު ސިޓީ ފޮނުވާފަ އެވެ. އެކަން އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުވެފަ އެވެ.
ތަފްސީލު - މިކަމާ ގުޅިގެން 'ދައުރު'ން އޭސީސީއާ ސުވާލު ކުރި ނަމަވެސް އެ ކޮމިޝަންގެ ރަސްމީ ބަހެއް ނުލިބެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ ދައުލަތުގެ ޕޭ ހާމަނައިޒް ކުރުމުގެ އުސޫލުގެ ދަށުން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަމުން އަންނަ ކަމަށެވެ. 
'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ އުސޫލުގެ ދަށުން މިއަދުން ފެށިގެން ދެން އޭސީސީ މުވައްޒަފުންނަށް ހިނގާނީ ބޮޑު ކުރި މުސާރަ އެވެ. އެކަން ސިޓީއަކުން ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕޭ ކޮމިޝަނުން ވަނީ އަންގާފަ އެވެ.
އޭސީސީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ ނިންމުން މި އައީ އިންތިހާބަށް ދެ ދުވަސް ވެފައި ވަނިކޮށެވެ. އަދި އެ ކޮމިޝަނުން އިންތިހާބާ ގުޅޭ ޝަކުވާތައް ބަލަމުންދާ ނުދާ ކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅު ކުރަމުންދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ