ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ނެގުން ހުއްޓުވޭނެ ސަބަބެއް ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވެސް ބަޔާންކޮށްފައި ނެތް ކަމަށެވެ.
އަދި މިހާރު ސުވާލު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތް ކަމަށާއި އެހެންވެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރައްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
ގާނޫނީ ވަކީލް އައިކް އަހުމަދު އީސާ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށެވެ.
ސްޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި ހިމެނި ވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްއަނީ މުހައްމަދެވެ. މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު އަބްދުލްއަނީ މުހައްމަދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން ހުއްޓުވާނެ ގާނޫނީ އަސާސެއް ނެތް: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ