ރެފަރެންޑަމް ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި ރެފަރެންޑަމް ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރިޔާސީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު (ރެފަރެންޑަމް) ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
މި މައްސަލާގައި ހުކުމްކޮށްފައިވަނީ ބެންޗުގެ އިއްތިފާގުންނެވެ. އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން ވެސް ތާއިދުކުރެއްވި އެވެ.
ރެފަރެންޑަމް ހުއްޓުވައިދިނުމަށް ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ.
އެ މައްސަލާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން އޮތީ ހިމަނާފަ އެވެ.
"އިންތިހާބުގެ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް، އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުން،" އެ މައްސަލާގައި ބުނެފައިވެ އެވެ.
ދައުލަތުގެ ފަރާތުން މި މައްސަލާގައި އެދުނީ ރައީސް ނެރުނު ގަރާރުގައި ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. އާ ހިލާފު އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ފެންނަ ނުފެންނަ ވޯޓު ބާއްވަން ނުޖެހޭ ކަމަށް ކަނޑައަޅައި ދެވޭނެ ހަމައެއް ނެތް ކަމަށް ހުކުމް ކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރީ ދައުލަތުން އެދުނު ގޮތަށެވެ.
މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަނުކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ