ރައީސް އޮފީހުގެ އިސް ތަރުޖަމާނަކަށް މުންދު

ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް އޫއޭއީގެ ކުރީގެ ސަފީރު މުހައްމަދު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަން ކުރައްވައިފި އެވެ. އެ މަގާމުގައި މީގެކުރިން ހުންނެވި ހީނާ ވަލީދު އިއްޔެ ވަނީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ކަމަށް އައްޔަންކުރައްވާފަ އެވެ.މުންދު މީގެ ކުރިން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ޤައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުތައް އެކި ދުވަސްވަރު ފުރުއްވާފަ އެވެ.މީގެ އިތުރުން މުންދު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްމަންކަން 2005 އިން 2007 އަށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަސަންކަމުގެ މަޤާމު 2007 އިން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. މުންދު ވަނީ ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ. މުންދު އެންމެ ފަހުން އަދާކުރައްވާފައިވަނީ އެކުވެރި ޢަރަބި ޢިމާރާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމެވެ.ފާހަގަކުރެވޭ ގޮތުގައި މުންދު ޔޫއޭއީގެ ސަފީރުކަމުން ވަކިކުރީ، ދާދި ފަހުން ސޯޝަލް މީޑިއާގައި, މުންދުގެ މަންމާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަސްމާ ރަޝީދުގެ އޯޑިއޯއެއް މީސްމީޑިއާގައި ދައުރުވި މައްސަލައާ ގުޅިގެންނެވެ.އެ އޯޑިއޯގައި އަސްމާ ވަނީ، ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.ހަމަ މި މައްސަލައިގައި އަސްމާގެ ކޮއްކޯފުޅު އަދި ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރިއެވެ. ނަމަވެސް އޭގެ ދެ ދުވަސް ފަހުން ސަލްމާ ފޮރިން މިނިސްޓްރީގެ މަސައްކަތަށް މާލެ ގެންނަން ސަރުކާރުން ނިންމައި، ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު ވަނީ ކެންސަލްކޮށްފައެވެ.ދެ ބޭފުޅުން ވެސް މަގާމުން ވަކިކުރީ މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ