އެންސީއައިޓީ އުވާލައި، މޯލްޑިވްސް 2.0ގެ ކަންކަން ތަންފީޒުކުރުމަށް އައު އިދާރާއެއް އުފައްދައިފި
"ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވާލައި، މޯލްޑިވްސް 2.0ގެ ކަންކަން ތަންފީޒުކުރުމަށް "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އައު އިދާރާއެއް މިއަދު އުފައްދައިފިއެވެ. ރައީސް އޮފީހުން ކުރި އިއުލާނެއްގައި މިއަދު ބުނީ އެ އިދާރާއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ރައީސް އޮފީހުން ބުނީ "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، "ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" މިއަދުން ފެށިގެން އުވައިލައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންް ކަމަށެވެ. މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 - ޖާނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކުރާ އެންމެ އިސް އިދާރާއަކަށް އެ އިދާރާއަށް ހެދުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފެއްދުމާ ގުޅިގެން، މޯލްޑިވްސް 2.0 ގެ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ ޒިންމާ އަދާކުރާ އެންމެ އިސް އިދާރާގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީއިން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތައް ކުރަން ޖެހޭނީ ވެސް މޯލްޑިވްސް ޑިޖިޓަލް ސާވިސްއިން ކަމަށް އެ އޮފީހުން ބުންޏެވެ. https://sun.mv/205804 މޯލްޑިވްސް ޑިޖިޓަލް ސާވިސްއަށް ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ 1137 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅައިފައެވެ. "މޯލްޑިވްސް 2.0" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި، އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި، އާންމު ޚިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ