ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފި: ރައީސް
ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުވާގޮތަށް އެކުލަވާލަވާލި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ރިސޯޓުތަކުން ތަބާވާ ކަމަށާއި، މިހާތަނަށް 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ރިސޯޓުތަކުން މާރުކޮށްފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލު ކުރަން ފެށިއިރު، އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެކަމާ ގުޅޭ ގަވާއިދެއް އެކުލަވައިލާފަ އެވެ. އެހެންވެ، އެ ގަވައިދުގެ ދަށުން މިދިޔަ އަހަރުގެ ފަހު ތިން މަހު އައި ޓޫރިސްޓުންގެ ބޮލަކަށް ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ ހޯރަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ވަރަށް މަދު ރިސޯޓެއް ފިޔަވައި، ހުރިހާ ރިސޯޓުތަކުން ވެސް އާ ގަވާއިދަށް ފުރިހަމައަށް ތަބާވެ، ބޭންކުތަކަށް ދަނީ ޑޮލަރު މާރުކުރަމުންނެވެ."އެމްއެމްއޭގެ ގަވަރުނަރު އަޅުގަނޑަށް އެންމެ ފަހުން ދިން މައުލޫމާތު، އެއީ މިދިޔަ ހޯމަ ދުވަހު ދިން އަޕްޑޭޓުގަވެސް، 25 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ބޭންކުތަކަށް މާރުކޮށްފަ،" އެ މަނިކުފާނު ވިދާޅުވި އެވެ.މި ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން ޖެހޭ އެއްވެސް ފަރާތެއް އިސްތިސްނާނުކުރާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަނގަޅަށް މި ގަވާއިދު ތަންފީޒުވާން ފެށުމުން އިގުތިޞާދަށް ބޮޑެތި ފަސޭހަތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.އޭގެއިތުރުން، ރާއްޖޭގެ އިގުތިޞާދު ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ވައުދުފުޅުތަކާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި ދިވެހީންގެ އަޒުމަކަށް ވާންވީ ތަރައްގީގެ ކަންކަމުގައި އެކަތިގަނޑަކަށް ވުން ކަމަށް ރައީސް ވިދާޅުވިއެވެ.ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ."ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.އާ ގަވާއިދުގެ ދަށުން ފުރަތަމަ ބުރުގައި ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. މިގޮތުން، މި ފަހަރު ބޭންކުތަކަށް ޑޮލަރު މާރުކުރި ސީދާ އަދަދު އަދި ހާމަކޮށްފައިނުވިޔަސް، އެ މުއްދަތުގައި 30 މިލިއަނާއި 40 މިލިއަން ޑޮލަރާ ދެމެދުގައި ބޭންކުތަކަށް މާރުކުރާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ