ރައީސް ޓްރަމްޕްގެ 'މޮޅު' އެގްޒެކެޓިވް އޯޑަރު: ގަލްފް އޮފް މެކްސިކޯ އާއި ޑެނަލީ ފަރުބަދައަށް 'އެމެރިކާ' ނަމެއް

އެމެރިކާއިން މިހާރު އެ ގައުމުގެ ނުފޫޒު ފޯރުވަން އުޅެނީ ޑިޖިޓަލް މެޕްތަކަށެވެ. އަދި އެކަމުގައި އެ ގައުމަށް އެހީތެރިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި، ގޫގްލް އެވެ. ހައިރާންވާންޖެހޭ ކަމަކީ، ގޫގްލްއިން މިކަމުގައި އިއުތިރާޒެއް ނުކުރާކަމެވެ.
މިދިޔަ ހޯމަ ދުވަހު ގޫގްލްއިން ހާމަކުރި ގޮތުގައި އެ ކުންފުނީގެ ޑިޖިޓަލް މެޕިން ޕްލެޓްފޯމް، ގޫގްލް މެޕްސްގައި 'ގަލްފް އޮފް މެކްސިކޯ' ގެ ނަން 'ގަލްފް އޮފް އެމެރިކާ' އަށް ބަދަލުކުރާނެއެވެ. އަދި  އެމެރިކާގެ އިންޑިޖެނަސް ރައްޔިތުން (ނޭޓިވް އިންޑިއަންސް) ހާހަކަށް އަހަރު ވަންދެން ކިޔަމުން އައި އެމެރިކާގެ އެންމެ އުސް ފަރުބަދަ، 'ޑެނަލީ' ގެ ނަންވެސް 'މައުންޓް މެކިންލޭ' އަށް ބަދަލުކޮށްލާނެ އެވެ.
އެމެރިކާގެ އަތްގަދަކަން
ޖެނުއަރީ 20 ގައި ޓްރަމްޕް ނެރުއްވި އެތައް އެގްޒެކެޓިވް އޯޑަރެއްގެ ތެރޭގައި ހިމެނޭ އެއް އޯޑަރުގައި ވަނީ، ގަލްފް އޮފް މެކްސިކޯގެ ނަން ބަދަލުކުރަން ނިންމާފަ އެވެ. ޓްރަމްޕްގެ ސަރުކާރުން މިފަދަ ބޮޑު ނިންމުމެއް ނިންމާފައިވަނީ އެއްވެސް މަޝްވަރާއެއް ނުކޮށެވެ.
އިންޑިޖެނަސް ރައްޔިތުންގެ ނަންތައް ފޮހެލުން
އެމެރިކާގެ އެންމެ އުސް ފަރުބަދައިގެ ނަން ބަދަލުކުރުމަކީ އަނެއްކާވެސް އެ ގައުމުގެ އަސްލު އަހްލުވެރިންނަށް އިހާނެތިކޮށް ހެދުމުގެ އަނެއް މިސާލެވެ. އެލަސްކާގެ ކޯޔުކޮން އަތަބަސްކަންސް އިން ކިޔަމުން އައި 'ޑެނަލީ' ގެ ނަން، ހަމައެކަނި ސިޔާސީ ބޭނުމަކަށްޓަކައި ބަދަލުކުރަން އުޅޭކަން ފާހަގަކުރެވެ އެވެ.
ގޫގްލްގެ ދެފުށް ދެގޮތް ސިޔާސަތު
މިއީ ގޫގްލް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުގެ ދެފުށްދެގޮތް ސިޔާސަތުގެ ރީތި މިސާލެކެވެ. 'ޑޫ ނޯ އީވިލް' ގެ ސްލޯގަން ބޭނުންކުރާ މި ކުންފުނިން، ފައިދާއަށްޓަކައި ވަނީ ބައެއްގެ އަސްލު ތާރީޚު ފޮހެލުމަށް އެހީތެރިވާން ނިންމާފަ އެވެ.
ސެންޓްރަލް ވޮޝިންގްޓަން ޔުނިވަރސިޓީގެ ޖިއޯގްރަފީ ޑިޕާޓްމަންޓުގެ އެސޯސިއޭޓް ޕްރޮފެސާ ސްޓާލިން ކުއިން ވިދާޅުވާ ގޮތުގައި، މިއީ ހަމައެކަނި ވިޔަފާރީގެ ނިންމުމެކެވެ. "މިއީ ގޫގްލްއިން ޓްރަމްޕްގެ ބަދަލަށް ތާއީދުކުރާތީ ނޫން. އެ މީހުން ބޭނުންވަނީ އެ މީހުންގެ ވިޔަފާރިއަށް ހުރަސް ނޭޅޭ ގޮތަށް ކަންކަން ކުރިއަށް ގެންދަން،" އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ޗާޓް ތަކުގައިވެސް މިފަދަ ބަދަލުތައް
އެހެން މެޕިން ޕްލެޓްފޯމްތަކުގެ ހާލަތު މާ ތަފާތެއް ނޫނެވެ. 2019 ގައި އެޕަލް މެޕްސްއިންވެސް ވަނީ ރަޝިއާގެ ނުފޫޒަށް ބޯލަނބާފަ އެވެ. ރަޝިއާގައި ތިބޭ ޔޫސަރުންނަށް ކްރައިމިއާ ފެންނަނީ ރަޝިއާގެ ބައެއްގެ ގޮތުގައެވެ. މިއީ 2014 ގައި ރަޝިއާއިން ކްރައިމިއާ 'އަތުލުމަށްފަހު' އައި ބަދަލެކެވެ.
އާންމުންގެ ރައްދު
ގޫގްލް މެޕްސްއިން ގެންނަން ނިންމި ބަދަލުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެކްސްގައި ގިނަ ބަޔަކު ވަނީ އެހެން މެޕިން ޕްލެޓްފޯމްތަކަށް ބަދަލުވާ ވާހަކަ ދައްކަން ފަށާފައެވެ.
"މިއީ ގޫގްލްއިން އެމެރިކާގެ ޕްރޮޕެގަންޑާއަށް މަގުފަހިކުރުން. ތާރީޚު ބަދަލުކުރަން އެހީތެރިވުން،" އެކްސްގައި އެކަކު ލިޔުނެވެ.
ކުރިއަށް އޮތް ގޮންޖެހުން
ތާރީޚުވެރިން ބުނާ ގޮތުގައި މިއީ ހަމައެކަނި ފެށުމެވެ. ގަދަ ބާރުވެރި ގައުމުތަކުން، އެ ގައުމުތަކުގެ ނުފޫޒު ބޭނުންކޮށްގެން އިތުރު ބަދަލުތައް ގެންނަން މަސައްކަތްކުރާނެ ކަމަށް ލަފާކުރެވެ އެވެ.
"މެޕްތަކަކީ އޮބްޖެކްޓިވް އެއްޗެއް ނޫން. އެއީ އެ މެޕް އުފައްދާ މީހުންގެ އަދި އެ މީހުންނަށް ނުފޫޒު ފޯރުވާ ފަރާތްތަކުގެ ސިޔާސީ ވިސްނުމާއި އަގުތަކުގެ އަސަރު ކުރާ އެއްޗެއް،" ކުއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ކަންކަން ބަދަލުވާނީ ދުނިޔޭގެ ރައްޔިތުން މިފަދަ ބަދަލުތަކަށް އިއުތިރާޒުކޮށް، އަސްލު ތާރީޚީ ނަންތައް ބޭނުންކުރަން ފެށުމުންނެވެ. 
ތާރީޚަށް ބަލާއިރު އެކި ރަށްރަށާއި ކަނޑުތަކުގެ ނަން ބަދަލުވަމުން އައިސްފައި ވެއެވެ. އިންޑިއާ ކަނޑުގެ ނަން ވެސް މިއީ ތާރީޚަށް ބަލާއިރު އެންމެ ފަހުން އެ ކަނޑުގެ ނަމަށް އައި ބަދަލެވެ. އަހަރުތަކެއް ވަންދެން އެކި ބާރުތަކުން އެކި ނަންނަން ކިޔަމުން އައި އިންޑިއާ ކަނޑަށް މިހާރުގެ ނަން ކަނޑައެޅުނީ ޔޫރަޕުގެ އިސްތިއުމާރީ ދުވަސްވަރު އެވެ.
އިންޑިއާ ކަނޑަށް 'އިންޑިއަން އޯޝަން'  ކިޔުމުގެ ކުރިން އެތައް ބަޔަކު އެތައް ނަމެއް މި ކަނޑަށް ކިޔަމުން އައި ތާރީޚެއް އެބައޮތެވެ. މިގޮތުން އެންމެ ކުރީގައި ފާހަގަކުރެވެނީ މީލާދީން ފުރަތަމަ ގަރުނުގެ ތެރޭގައި ގްރީކުންނާއި ރޯމަނުން ކިޔަމުން އައި 'އެރިތްރިއަން ސީ' އެވެ.
ތާރީޚީ ނަންތައް
އެރިތްރިއަން ސީގެ ނަމުގައި އޭރު ކިޔަމުން އައީ އުތުރު-ހުޅަނގު އިންޑިއާ ކަނޑާއި، ރަތް ކަނޑާއި، ޕާޝިއަން ގަލްފް އަދި އަރަބި ކަނޑު ހިމެނޭ ސަރަހައްދަށެވެ. އަދި މިނަމުން އެ ސަރަހައްދުގެ ވިޔަފާރި ދަތުރުތަކުގެ މަޢުލޫމާތު ހިމެނޭ ފޮތްތައްވެސް ވަނީ ލިޔެފަ އެވެ.
އިންޑިއާގެ ގަދީމީ ލިޔެކިޔުންތަކުގައި މި ކަނޑަށް ކިޔަމުން އައީ 'ސިންދު ސާގަރު' އެވެ. މިއީ ސިންދު ކަނޑު ނުވަތަ އިންޑަސް ކަނޑުގެ މާނައިގަ އެވެ. މި ނަމުން ބަޔާންކޮށްދެނީ އިންޑިއާގެ އެއްގަމާއި މި ކަނޑާ ހުރި ގުޅުމެވެ.
ރޯމަނުން، ލެޓިން ބަހުން މި ކަނޑަށް ކިޔަމުން އައީ 'މާރޭ އިންޑިކަމް' އެވެ. މި ނަން ބޭނުންކުރަމުން އައީ އެފްރިކާގެ އިރުމަތީގައި އަދި އޭޝިއާގެ ދެކުނުގައި އޮންނަ ކަނޑު ދެއްކުމަށެވެ.
 އަލް-މަސްއޫދީ އާއި އިބްނު ބަތޫތާ ފަދަ އަރަބި ދަތުރުވެރިން މިކަނޑަށް ކިޔަމުން އައީ 'ބަހްރުލް ހިންދު' އެވެ. މިއީ އިންޑިއާ ކަނޑު ނުވަތަ އިންޑިއާގެ ކަނޑުގެ މާނައިގަ އެވެ. މި ނަމުން ދައްކުވައިދެނީ އަރަބިންނާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމެވެ.
ޗައިނާގެ މިންގް ދައުރުގައި (14 ވަނަ ގަރުނުން 17 ވަނަ ގަރުނަށް) ޖެންގް ހީ ފަދަ ދަތުރުވެރިން މި ކަނޑަށް ކިޔަމުން އައީ 'ހުޅަނގު ކަނޑު' އެވެ. މިއީ ޕެސިފިކް ކަނޑަށް ކިޔާ 'އިރުމަތީ ކަނޑު' އާ ތަފާތުކުރުމަށެވެ.
މިހާރުގެ ނަމަށް ބަދަލުވި ގޮތް
މިހާރުގެ 'އިންޑިއަން އޯޝަން' ގެ ނަން އާންމުވާން ފެށީ 15 ވަނަ އަދި 16 ވަނަ ގަރުނުގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކުން އޭޝިއާ ސަރަހައްދަށް ދަތުރުކުރަން ފެށި ދުވަސްވަރު އެވެ. މިއީ ވަސްކޯޑަ ގާމާ (1498) ފަދަ ދަތުރުވެރިން އިންޑިއާއަށް ދަތުރުކުރަން ފެށި ދުވަސްވަރެވެ.
17 ވަނަ އަދި 18 ވަނަ ގަރުނުގެ ތެރޭގައި ޔޫރަޕުގެ ޗާޓްތަކުގައި 'އިންޑިއަން އޯޝަން' ގެ ނަން ވަނީ އާންމުވެފައެވެ. އަދި 20 ވަނަ ގަރުނުގައި އިންޓަނޭޝަނަލް ހައިޑްރޯގްރަފިކް ބިއުރޯ އިން މި ނަން ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފަ އެވެ.
'އިންޑިއަން އޯޝަން' ގެ ނަން އާންމުވެގެން އައީ ޔޫރަޕުގެ އިސްތުމާރީ ދައުރުގަ އެވެ. އަދި މިނަން ބޭނުންކުރަން ފެށުމާއެކު، އެރިތްރިއަން ސީ އާއި ބަހްރުލް ހިންދު ފަދަ އެހެނިހެން ނަންތައް ވަނީ މަދުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ