ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓަކު، ދިވެހިންގެ ހެޔޮކަން ތަޖުރިބާކޮށް އިސްލާމްވެއްޖެ އެވެ.
ވީ ކިހިނެއް؟- އިޓަލީގެ ޓޫރިސްޓު ފިރިހެން މީހާ ސޯޝަލް މީޑިއާގައި ލިޔުނު ގޮތުގައި މީގެ ދުވަސްކޮޅެއް ކުރިން އޭނާ ރާއްޖެ އައީ، ލޯބިވެރިޔާއާ އެންގޭޖްވެ އެ އުފަލުގައި އޭނާ ވެސް ގޮވައިގެންނެވެ. އެ މީހުން ތިބީ ރަށެއްގެ ގެސްޓްހައުސްއެއްގަ އެވެ. އެކަމަކު އެ އުފަލަށް ހުރަސް އެޅުނީ، މޫސުން ހިސާބަކަށް ގޯސް ދުވަހެއްގައި ފަރުމައްޗަށް ސްނޯކަލް ކުރަން ގޮސް އުޅެނިކޮށް ލޯބިވެރިޔާގެ ފޯނު ގެއްލުމުން ކަމަށް ބުންޏެވެ.
އެ ޓޫރިސްޓު މީހާ ބުނިގޮތުގައި އެ މީހުން ނިންމީ ފޯނު އެއްކޮށް ގެއްލުނީ ކަމަށެވެ. އެކަމާ އެ މީހުން މާޔޫސްވީ، ދެ މީހުންގެ ވަރަށް ގިނަ ހަނދާންތަކެއް އެއާ އެކު ގެއްލުމުންނެވެ.
"އެކަމަކު ފޯނު ގެއްލުނު ވާހަކަ އޭނާ ބުނީ އެންމެ ދިވެއްސެއްގެ ގާތުގައި. އެއާ އެކު އެ ދިވެހި މީހާ އޭނާގެ ރަހުމަތްތެރިންނާ އެކު އަހަރުމެން ފީނަން ދިޔަ ތަނަށް ފޯނު ހޯދަން ދިޔަ،" އަމިއްލަ މައުލޫމާތާއި ރަށުގެ ވަނަވަރު ވެސް އާއްމުނުކޮށް އޭނާ ލިޔުނެވެ.
"އަހަރެމެން ބުނިން ދެން އެ ނުފެންނާނެ ކަމާއި އެކަމާ ނޫޅުމަށް. އެކަމަކު އެވަރުން ވެސް އެ މީހުން ދުލެއް ނުކުރި."
އެތައް ގަޑިއިރެއްގެ މަސައްކަތުން ދިވެހިން އެ ފޯނު ހޯދައިދިނެވެ. ފެން ނުވަންނަ ކަވަރަކަށް ލާފައި އޮތުމުން އެޔަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
"މިއީ ދިވެހިންގެ ހެޔޮކަން އަހަރެމެން ތަޖުރިބާކުރި އެއް ފަހަރު. ކަލޭމެން ތިހާ ހެވީ ތިއީ މުސްލިމުންނަށް ވީމަތަ؟ އެހެންވިއްޔާ އަހަރެން ވެސް ބޭނުން އިސްލާމްވާން،" ޓޫރިސްޓު މީހާ އިއްޔެ ބުންޏެވެ.
އޭނާ ދެން ބުނީ ޗުއްޓީގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށާއި 'އިސްލާމްވުމަށް އޭނާ ދާންވީ ތަނެއް' ބުނެދިނުމަށެވެ.
އޭގެ ފަހުން ގަޑިއިރުތަކެއް ފަހުން އޭނާ ވަނީ އަނެއްކާވެސް އެހެން ޕޯސްޓެއް ދޫކޮށްލާފަ އެވެ. އޭގައި ބުނީ، ދިވެހި އިލްމުވެރިޔަކާ ބައްދަލުވެ، އިސްލާމް ދީނާ ގުޅޭ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. ދީނުގެ އެންމެ އާއްމު ކަންކަމާއި ނަމާދު ކުރާނެ ގޮތާއި ރޯދަ ހިފާނެ ގޮތުގެ ވީޑިއޯ ލިންކުތައް ވެސް އެ އިލްމުވެރިޔާ އޭނާއާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.
"މިހާރު އަހަންނަކީ މުސްލިމެއް. އަހަރެން ޝަހާދަތް ކިޔައިފިން،" ޓޫރިސްޓު މީހާ ލިޔުނެވެ.
އޭނާ ދެން ލިޔުނީ އިސްލާމް ދީނުގެ ރިވެތިކަމުގެ ވާހަކަ އެވެ. ޒަކާތުގެ ވާހަކަ ކުރިން އަޑު ނާހާ ކަމަށާއި ޒަކާތުގެ މަގްސަދު އެނގުމުން ލޮލުން ކަރުނަ ފާއްދާލި ކަމަށް ބުންޏެވެ. އޭނާ ވަނީ އިސްލާމް ދީނުގެ ހިދާޔަތު ލިބުނީތީ ހަމްދުކޮށް، އޭގެ މެދުވެރިއަކަށްވި ދިވެހިންގެ ހެޔޮކަމަށް ޝުކުރު އަދާކޮށްފަ އެވެ.
ދިވެހިންގެ ހެޔޮކަން ފެނި ޓޫރިސްޓަކު އިސްލާމްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ