ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކުޑަ ކޮމިޓީއަކުން ނިންމި ނިންމުމަށް ގޮތެއް ކަނޑައަޅަން އެ ކޮމިޝަނުން މިރޭ ބައްދަލުވުމެއް ބާއްވާއިރު، އެ ބައްދަލުވުމުގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އެދިވަޑައިގެންފި އެވެ.
އެ ބައްދަލުވުމުގައި ވަކީލަކު ބޭނުންކޮށްގެން ވާހަކަ ފުރުސަތެއްގެ އިތުރުން ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި މައްސަލައަށް ގޮތެއް ނިންމުމަށް ވެސް އަޒްމިރާލްދާގެ ފަރާތުން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގައި އެދިވަޑައިގެންފައިވެ އެވެ.
"މިއީ އާންމު އުސޫލުން އެ ނިންމުން ކޯޓެއްގައި ނުވަތަ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ނެތް ނިންމުމެއް ކަމުގައިވާތީ އާއި ކޮމިޝަނުން ނިންމުމެއް ނިންމުމުގެ ކުރިން އަޅުގަނޑުގެ ބަސް އަޑު އިއްވުމުގެ ފުރުސަތު ދިނުމަކީ އިންސާފުގެ ހަމަތަކުން ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް،" އަޒްމިރާލްދާގެ ފަރާތުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން، އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ބުނެ ރިޕޯޓު އެކުލަވައިލި ޖޭއެސްސީގެ ކުޑަ ކޮމިޓީގައި ތިބި މެންބަރުން މިރޭގެ ބައްދަލުވުމުގައި ބައިވެރިނުވަން ވެސް އަޒްމިރާލްދާ އެދިވަޑައިގެންނެވި އެވެ.
ފަނޑިޔާރުން ވަކި ކުރަން ނިންމި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ. އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންނެވެ. އޭގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް އެ ކޮމިޓީގައި މަސައްކަތް ކުރެއްވި އެވެ.
"މި މައްސަލައިގައި ކޮމިޝަނުން ނިންމާ އެއްވެސް ނިންމުމެއްގައި [އެ މެންބަރުން] ބައިވެރިވުމަކީ އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާނެ އަދި އޭގެ އިތުރުން ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ހިލާފުކަމެއްކަމުގައި ވާނެ،" އަޒްމިރާލްދާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދު ސަސްޕެންޑުކުރީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބެލުން ހުއްޓުވުމަށްޓަކައި، ސަރުކާރު އަޑީގައި އޮވެގެން އޭސީސީ ބަލަން ފެށި ކަމަށް ބުނި އަސްލެއް ނެތް މައްސަލައަކާ ގުޅިގެންނެވެ.
ފެބްރުއަރީ 26، 2025، ގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.
އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފެބްރުއަރީ 26 ވަނަ ދުވަހުގެ ހެނދުނަށް ތާވަލުކުރުމާއެކު ކުއްލި އަކަށް އުފަންކުރި މައްސަލައިގެ ސިޓީ އޭސީސީން ޖޭއެސްސީ އަށް ފޮނުވީ، އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ ދުވަހުގެ ހެނދުނު 10 ޖަހަން ކައިރިވެފައި ވަނިކޮށެވެ.
ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއް ސުއޫދު އިސްތިއުފާ ދެއްވީ ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ނިންމުމަށްޓަކައި އެ މަނިކުފާނު ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުންނެވެ.
ރައީސް މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، އެ ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ވަނީ ގޮވާލައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީން އޭނާގެ މައްޗަށް ފުރަތަމަ ކުރި ތުހުމަތާއި މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ވަނީ ތަފާތުވެފަ އެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ފެބްރުއަރީ 26، ގައި އޭނާއަށް ޖޭއެސްސީ އިން ފޮނުވި ސިޓީގައި ބުނެފައި އޮތީ އެ ކޮމިޝަނުން ބަލަމުން ދަނީ، އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރާލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލައި ނިންމުމަށްފަހު، މައްސަލަ ބެލި ޖޭއެސްސީގެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައި ވަނީ އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.
ސުއޫދު އިސްތިއުފާ ދެއްވައި، ރައީސް މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ގާނޫނުއަސާސީ އަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، މަނިކުފާނުގެ ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއާ ހިލާފަށް ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވައި ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތް މައްސަލަ ބެލުން ހުއްޓުވުމަށް ކަމަށެވެ.
މައްސަލަ ނިންމުމުގެ ކުރިން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އަދި ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި ގޮތެއް ނިންމަން އަޒްމިރާލްދާ އެދެވަޑައިގެންފި މައްސަލަ ނިންމުމުގެ ކުރިން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އަދި ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައި ގޮތެއް ނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ