ވަކި ކޮޅަކަށް ޖެހި، ގާނޫނާ ހިލާފަށް ހަބަރު ފަތުރަމުންދާތީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
އެ ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) އެވެ. އޭނާ ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ޕީއެސްއެމް ހިންގަމުންދަނީ ގައުމީ މީޑިއާއެއްގެ ބަދަލުގައި ވަކި ކޮޅަކަށް ޖެހިގެން ހުރެ ކަމަށެވެ.
އެޑިޓޯރިއަލް މިނިވަންކަން ހިފަހައްޓަން ޕީއެސްއެމްގެ ގާނޫނުން އެ ކުންފުންނަށް ލާޒިމު ކުރާ ނަމަވެސް ތަން ހިންގަނީ އެ މިންގަނޑާ ހިލާފަށް ކަމަށް ކުޑޫގެ ގަރާރުގައި ބުނެފައިވެ އެވެ.
"[ޕީއެސްއެމް އިން] ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި، ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތާއި ގައުމީ އެކި ކަންކަމުގެ ހަބަރާއި މައުލޫމާތާއި ކަން ހިނގަމުންދާގޮތް ރައްޔިތުންނަށް އަންގައިނުދީ، ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމުނުކޮށް، ވަކި ބަޔަކަށް ފުރުސަތުދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައިފި،" އެ ގަރާރުގައި ބުނެފައިވެ އެވެ.
ޕީއެސްއެމް އިން ތަކުރާރުކޮށް ކޮންމެ ދުވަހަކު ވެސް ގާނޫނާ ހިލާފުވަމުންދާތީ ކުޑޫގެ ގަރާރުގައި އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އެކަމާމެދު ބަހުސް ކުރުމަށެވެ.
"ތަކުރާރުކޮށް ގާނޫނާ ހިލާފުވަމުންދާ މައްސަލަ އަކީ، ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރު ކަނޑުވައިލައި، ގާނޫނަށް އަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރު ލިބޭ ފަދަ ކަމެއް ކަމަށްވީ ހިނދު، އަދި މި ކަމަކީ ގައުމުގެ މަސްލަހަތު ހިމެނިގެންވާ ކަމަކަށްވީ ހިނދު، މި ކަމާމެދު މަޖިލީހުގައި ބަހުސްކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ހ. ގެ ދަށުން މި މައްސަލަ ހުށަހަޅަން،" އެ ގަރާރުގައި ބުނެފައިވެ އެވެ.
ޕީއެސްއެމްއަކީ ރައްޔިތުންގެ ފައިސާއިން ހިންގާ، އެތަން ހިންގުމަށް ވަކި ގާނޫނެއް ހަދާފައި އޮތް ކުންފުންޏެއް ނަމަވެސް، ޕީއެސްއެމް ހިންގަމުން ދަނީ ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރާ ކުންފުންޏެއްގެ ގޮތުގަ އެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޖަމިއްޔާއަކުން ސަރުކާރަށް ފާޑުކިޔުމުން އެ ޕްރޮގްރާމް ވަގުތުން ހުއްޓާލާފައި ވެސް ވެ އެވެ.
ވަކި ކޮޅަކަށް ޖެހި ހަބަރު ފަތުރާތީ ޕީއެސްއެމްއާ ދެކޮޅަށް ގަރާރެއް ވަކި ކޮޅަކަށް ޖެހި ހަބަރު ފަތުރާތީ ޕީއެސްއެމްއާ ދެކޮޅަށް ގަރާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ