މިސައިލްތަކެއް ގަންނަ އަޑުއަރާފައިވަނިކޮށް ފަޅާއި ރަށްތަށް ދޭގޮތަށް 15 މިލިއަން ޑޮލަރު ހޯދަނީ މިސައިލްތަކެއް ގަންނަ އަޑުއަރާފައިވަނިކޮށް ފަޅާއި ރަށްތަށް ދޭގޮތަށް 15 މިލިއަން ޑޮލަރު ހޯދަނީ

ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކަށް އިންވެސްޓްކުރާ ބަޔަކަށް ކްރޮސް ސަބްސިޑީގެ ދަށުން އިންވެސްޓްމަންޓުގެ މުގާބިލުގައި ފަޅުތަކާއި ރަށްތައް ދޫކުރާ ގޮތަށް 15 މިލިއަން ޑޮލަރު ހޯދަން ސަރުކާރުން މިއަދު އިއުލާންކޮށްފި އެވެ.
ސަރުކާރުން މިހާތަނަށް އެއްވެސް ތަފުސީލެއް އާންމުކޮށްފައި ނުވާ މި މަޝްރޫއުގެ މައުލޫމާތު ހިމަނާފައި ވަނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަކަށް ފައިސާ ހޯދަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރުގަ އެވެ.
ކުރީ ސަރުކާރުން ފަށާފައި ހުރި ބައެއް މަޝްރޫއުތަކާއި މި ސަރުކާރުން އިއުލާންކޮށްފައިވަ މުހިންމު މަޝްރޫއުތަކަކަށް އިންވެސްޓަރުން ހޯދަން އިއުލާނުކުރި މި ގަރާރުގެ 15 ވަނައިގައި ބުނެފައިވަނީ މި މަޝްރޫއުތައް އަމާޒުކުރަނީ މުޅި ރާއްޖެއަށް ކަަމަށެވެ.
ރައީސްގެ ގަރާރުގައި ވަނީ މިއީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ޓަކައި ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.
ގައުމީ ސަލާމަތާ ގުޅުވައި ވަރަށް މި މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ހާމަނުކުރި ނަަމަވެސް އަސްކަރިއްޔާ އަދި ކޯސްޓުގާޑު ވަރުގަދަ ކުރުމަކީ ރައީސް ގެންގުޅުއްވާ ސިޔާސަތެކެވެ. ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަމަށް ބުނެ ޑްރޯންތައް ގަތީ ވެސް މި ސިޔާސަތުގެ ދަށުންނެވެ.
ގައުމީ ސަލާމަތާ ގުޅޭ މަޝްރޫއުތަކެއް ހިންގަން ބޮޑު އިންވެސްޓްމަންޓެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފައި މިވަނީ ދިވެހި އަސްކަރިއްޔާއަށް މިސައިލްތަކެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް ފެތެރިފައިވަނިކޮށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި ބުނާ ގޮތުން ދިވެހި ސަރުކާރުން ސާފޭސް-ޓު-އެއާ މިސައިލްތަކަކާއި އެ ތަކެތި ހަރުކުރެވޭ ފެންވަރުގެ މަނަވަރެއް ގަންނަނީ ތުރުކީގެ އަސްކަރީ ކުންފުންޏެއް މެދުވެރިކޮށެވެ.
މި ސަރުކާރުން ޑްރޯންތައް ގަތީ ވެސް ތުރުކީގެ ކުންފުންޏަކުންނެވެ. އެ ޑްރޯންތައް ގަންނަން 37 މިލިއަން ޑޮލަރު ހަރަދުކުރިކަން އެކި މަސްދަރުތަކުން ޔަގީންވެފައިވީ ނަމަވެސް ސަރުކާރުން ވަނީ ޑްރޯންތައް ގަންނަން ކުރި ހަރަދު ހާމަކުރަން ދެކޮޅުހަދާފަ އެވެ.
ކްރޮސް ސަބްސިޑީ އުސޫލު އޮންނަ ގޮތުން ސީދާ ފައިސާ އިންވެސްޓުކުރާކަށް ވެސް ނުޖެހެ އެވެ. ސަރުކާރުން ބުނާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރާ ގޮތަށް ވެސް މި އުސޫލުގެ ދަށުން ފަޅުތަކާއި ރަށްތައް ދޫކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ