އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅޭ ގެ ފުލުހުން ބަލައިފާސްކުރުމަށްފަހު ބައި މިލިއަނެއްހާ ރުފިޔާއަށްވާ ނަގުދު ފައިސާ ފުލުހުން ގެންދިޔަ ކަން އެނގިއްޖެ އެވެ.
ޝަމްއާން އަދި އިމިގްރޭޝަންގެ އެހެން އޮފިސަރުންތަކަކަށް ތުހުމަތުކޮށް ފުލުހުން ތަހުގީގުކުރަނީ ބިދޭސީ މަސައްކަތްތެރިން އަތުން ފައިސާ ނަގަމުންދާ ކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލާގައި ފުލުހުން ޝަމްއާން ދިރިއުޅޭ ގެ ބަލައިފާސްކުރީ ރޭގެ ވަގުތެއްގަ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ޝަމްއާންގެ ގެ ބަލައިފާސްކޮށް ބައި މިލިއަނެއްހާ ރުފިޔާއަށްވާ ފައިސާ ފުލުހުން ގެންދިޔަ އެވެ. އޭގެތެރޭގައި ދިވެހި ރުފިޔާ، އެމެރިކާ ޑޮލަރު އަދި ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގެ ފައިސާ ހިމެނެ އެވެ.
250،00ރ. އަދި 8،000 ޑޮލަރުގެ އިތުރުން އެހެން ގައުމުތަކުގެ ފައިސާ އެއްކޮށްލުމުން މިހާރުގެ އެކްސްޗޭންޖު ރޭޓުގައި ޖުމްލަ އަދަދު 500،000ރ. އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް މި ނޫހާ ވާހަކަދެއްކި މަސްދަރުން ބުންޏެވެ.
ފައިސާގެ އިތުރުން ޝަމްއާންގެ ގެއިން އިލެކްޓްރޯނިކް ސާމާނުތަކެއްވެސް ފުލުހުން ގެންދިޔަ ކަމަށްވެ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ރޭގެ ވަގުތެއްގަ އެވެ. އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ބުނީ ޝަމްއާން ވަކިކުރިކަން މީޑިއާތަކުން ރިޕޯޓުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
އިމިގްރޭޝަން ކޮންޓްރޯލްގެ މަގާމުގައި ޝަމްއާން ހުންނަވައިގެން އެންމެ އިސްކޮށް ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމާއި ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތެވެ.
މިގޮތަށް ފޮނުވާލެވޭ ބިދޭސީން އެނބުރި އަންނަ ކަމަށާއި އެކަން ކުރުމަށް އިމިގްރޭޝަންގެ އިސްވެރިން ފައިސާ ނަގާ ކަމަށް ސޯޝަލް މީޑިއާގައި މީގެ ކުރިން ވެސް ތުހުމަތުކޮށްފައިވެ އެވެ. އެކަމާ ގުޅޭގޮތުން އެ ހިދުމަތުން އަދި ސަރުކާރުން ވެސް އޭރު ބަހެއް ނުބުނެ އެވެ.
ޝަމްއާން ވަކިކުރުމާއެކު ހުސްވި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އައްޔަންކުރައްވާފަ އެވެ. އެކަން ސަރުކާރުން އިއުލާނުކުރީ ރޭ ފަތިހު 3:30 ހާއިރު އެވެ.
ޝަމްއާންގެ ގެއިން ބައި މިލިއަނެއްހާ ރުފިޔާގެ ނަގުދު ފައިސާ ފުލުހުން ގެންދިޔަ ޝަމްއާންގެ ގެއިން ބައި މިލިއަނެއްހާ ރުފިޔާގެ ނަގުދު ފައިސާ ފުލުހުން ގެންދިޔަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ