އެސްޓީއޯއިން މި އަހަރުވެސް ރެކޯޑް އަދަދު ދަމަހައްޓައި، ހިއްސާއަކަށް 80 ރުފިޔާ ބަހަނީ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ. ބާސެލޯ ނަސެންދުރަ މާލޭ ހޮޓަލުގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ނިންމިއިރު 2023 ވަނަ އަހަރުން ލިބުނު އާމްދަނީން ވެސް އެ ކުންފުނިން ހިއްސާއަކަށް ބެހީ 80 ރުފިޔާއެވެ. އެ އަދަދަކީ، 17 އަހަރު ތެރޭ އެ ކުންފުނިން ހިއްސާގެ ގޮތުގައި ބަހާފައިވާ އެންމެ ބޮޑު އަދަދެވެ. މިރޭގެ އޭޖީއެމްއިން ހިއްސާއަކަށް ބަހާނެ އަދަދު ފާސްކުރީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99 އިންސައްތަ ހިއްސާދާރުންގެ ވޯޓުންނެވެ. https://sun.mv/205455 އެސްޓީއޯއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މިރޭގެ ޖަލްސާގައި 229 މީހުން ބައިވެރިވިއިރު އޭގެ ތެރޭގައި ހިމެނެނީ 162 ހިއްސާދާރުންނާއި ހިއްސާދާރުންގެ ބަދަލުގައި ހާޒިރުވި 67 މީހުންނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް 583 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 617 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: މި އަހަރުވެސް ހިއްސާއަކަށް 80 ރުފިޔާ ބަހަން ވަނީ ފާސްކޮށްފައި -- ފޮޓޯ/ އެސްޓީއޯ އެ ކުންފުނިން ބުނީ މި ދަށްވުމަކީ، ކުންފުނިން ތެޔޮ ވިއްކާ އަގު ދަށްކުރުމުން އައި ދައްވުމެއް ކަމަށެވެ. އެހެން ނަމަވެސް މުހިންމު ދާއިރާތަކުގެ ވިޔަފާރީގެ މިންވަރު ދެމެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެއެވެ. އެ ކުންފުނިން ބުނީ ހިންގުމުގެ ފައިދާގެ ގޮތުގައި 263 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 308 މިލިއަން ރުފިޔާ، އަދި ކުރީ ކުއާޓަރުގައި ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ