ސްޓެލްކޯއިން ގޮގޯރޯގެ އެޑްވާންސް ބެޓެރި މެނޭޖްމަންޓް ސިސްޓަމް ތައާރަފްކޮށްފި

ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކޮށް އިލެކްޓްރިކް އުޅަނދުތައް ޗާޖު ކުރެވޭނެ ނިޒާމެއް ސްޓެލްކޯއިން ގާއިމްކޮށްފިއެވެ.
ފަހުމީ މިހެން ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާ ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާ ކުރައްވަމުންނެވެ.
ފަހުމީ ވިދާޅުވީ، އެނާޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރު ވަނީ ގާއިމްކޮށްފައިވާ ކަމަށެވެ. އެގޮތުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މީގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ގާއިމްކުރެވުމާއެކު، އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމަސް ވެސް ފަހުމީ ވިދާޅުވިއެވެ. މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ގާއިމް ކުރެވިފައިވާ އީވީ ޗާޖިން ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުން އައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެއްޓާ ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެ ގެނެސް އެ ޓެސްޓް ކުރުމުގެ ފުރުސަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ. އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިން ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ވެސް ތިމާވެއްޓާ ރައްޓެހި ނިޒާމުތަކުގެ ތެރެއިން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
އެހެންކަމުން މިއީ 2028 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް 33 ޕަސެންޓް ކަރަންޓު އުފެއްދަވާނެ ކަމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލްވުމަށާއި، ތަރައްގީ އާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. މިފަދަ ތިމާވެއްޓާ ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ. މީގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، މި މުޖުތަމައުގައި ދިރިއުޅޭ ފަރުދުންގެ ސިއްހަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ގަބޫލުކުރައްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ