މަޖިލިސް މެމްބަރުންނަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލްގެ އިލްތިމާސް އެއް!
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަކީ އަދުލުވެރި، ނަޒާހަތްތެރި ބޭފުޅުން ކަމަށާއި އެ ބޭފުޅުން މަގާމުން ވަކިކުރުމާ މެދު މިއަދު ރައްޔިތުންގެ މަޖިލީހުން ވޯޓު ނަގާއިރު ކޮންމެ މީހަކަށް ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި މަޖިލީހުގެ ދައުރެއް ވެސް އޮންނަކަން ހަނދާން ކުރުމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.ދެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަރީ ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފެށީ އެ ކޮމިޝަންގެ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮތްވައި، ފަނޑިޔާރުން ވަކިކުރުމާމެދު ގޮތެއް ނިންމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒަކީ އޭނާ ރަނގަޅަށް ދަންނަ ދެ ބޭފުޅުން ކަމަށާއި އެއީ "އަދުލުވެރި، އިންސާފުވެރި، ނަޒާހަތްތެރި ދެ ފަނޑިޔާރުން" ކަމަށެވެ."ފަނޑިޔާރުކަމުގެ މަގާމުން އެ ދެ ބޭފުޅުން ވަކިކުރަން ޖާއިޒުވާ ފަދަ އަމަލެއް އެ ދެބޭފުޅުން ކުރެއްވި ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. އެފަދަ ގާނޫނީ އަސާސެއްގެ މައްޗަށް ހުއްޖަތެއް މިހާތަނަށް ދެއްކިފައެއް ވެސް ނުވެ އެވެ،" ބާކައުންސިލްގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.އޭނާ ވަނީ އެ މައްސަލައިގައި މަޖިލީހުގައި ވޯޓު ނަގާއިރު ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި މެންބަރުން ކުރެއްވި ހުވައި މަތިން ހަނދުމަފުޅުކުރައްވައި، އަދުލުވެރިކަމާ އެކު ވޯޓުދެއްވަން ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.ގާނޫނުއަސާސީގައި 75 ވަނަ މާއްދާގައި ބުނަނީ:"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ،" މި ފަދައިންނެވެ.ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް ދުސްތޫރީ މައްސަލަ ބަލަން ފެށިތަނާއެވެ. އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ފަށަން 15 މިނެޓަށްވެފައި އޮއްވަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ޖޭއެސްސީން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ޖޭއެސްސީއަށް އައްޔަކޮށްފައިވާ މެންބަރުން އިސްވެ ހުންނަވައިގެން ގާނޫނާ ހިލާފަށް ފަނޑިޔާރުންގެ މައްސަލަ ބަލައި ދެ ފަނޑިޔާރުން ވަކިކުރާއިރު، އެކަމާ ދެކޮޅަށް އެ މަނިކުފާނު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އަދި ބަހެއް ވެސް ވިދާޅުވެފައެއް ނުވެ އެވެ.ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ޖޭއެސްސީއަށް ފޮނުވި ސިއްރު ސިޓީއަކަށް ބިނާކޮށެވެ. އެ ސިޓީ ފޮނުވާފައި ވަނީ އާންމުކޮށް އެފަދަ ސިޓީ ފޮނުވާ އުސޫލުތަކާ ހިލާފަށް ޖެމްސް ސިސްޓަމް މެދުވެރިނުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ