އެފްއޭއެމް ލީގު ކަޕްގައި މިރޭ 16 އަހަރުގެ ފޯވާޑް، މުހައްމަދު އިލާން އިމްރާންގެ ގޯލާ އެކު، މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަނުން 2-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
މާޒިޔާގެ ސީނިއާ ޓީމަށް ޕްރޮމޯޓްވި ފަހުން ލީގު ކަޕްގައި އިލާން އަށް ދެ މެޗުގައި ވެސް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އިލާން ވަނީ ލީގު ކަޕް ފުރަަތަމަ މެޗުގައި، ބެންޗުން އަރައި ނިއު ރޭޑިއަންޓް ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ. މާޒިޔާ އިން އެ މެޗުން މޮޅުވީ 5-1 އިންނެވެ.
މާޒިޔާ އިން މި މެޗަށް ނެރުނު ފުރަތަަމަ އެގާރައިގައި ވަނީ، ފުރަތަމަ މެޗުގައި ނިއުއާ ދެކޮޅަށް ކުޅުނު މެޗުގައި ފެށި ކުޅުންތެރިންނަށް ބަލާއިރު، ހަތަރު ބަދަލެއް ގެނެސްފަ އެެވެ. އޮޑި ސްޕޯޓްސްއާ ދެކޮޅަށް ފުރަތަމަ މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވި ޓީސީ ޓީމުން ވެސް މި މެޗު ފެށިއިރު ބަދަލުތަކެއް ވަނީ ފެނިފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުުޅުނު މެޗު ފަށައިގެން މާޒިޔާ އިން ލިބޭ ފުރުސަތުތަކުގައި ކުރިއަށް ޖެހިގެން ކުޅުނެވެ. އެ ގޮތުން، މާޒިޔާގެ އެންމެ ކުރިއަށް ކުޅުނު ނާއިޒު ހަސަން (ދާދު)ގެ ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔަ އެވެ. ކުރިން ޓީސީ އަށް ކުޅުނު ދާދު އޭރިއާބޭރުން ޖެހި އެއް ޝޮޓް، ޓީސީގެ ކީޕަރު، ސްރީ ލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. އަދި، ދާދު ފޮނުވާލި އަނެއް ހަމަލާ ދިޔައީ ގޯލާ ސީދާ ނުވެ އެވެ.
ވިއްސާރައިގެ ތެރޭގައި ކުޅެމުން ދިޔަ ވަގުތެއްގައި، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު)، ފުރަތަމަ ހާފުގެ ފަހުކޮޅުގައި އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ކީޕަރު ސުޖަން އަތުގައި ޖެހިފައި އަމާޒުވީ ހުރަސްދަނޑިއަށެވެ.
ދެ ވަނަ ހާފު ފެށިގެން ޓީސީން ކުރިއަށް ޖެހިގެން ކުޅެ، ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން، ޓީސީގެ އައިހަމް ހަމްދޫން (އައިހަމްސްކީ) ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލު ބެލެހެއްޓި އިޔާން އަބްދުލް އަލީމް (ޗިކީ) މަތަކުރި އެެވެ.
މާޒިޔާ އިން ދެ ވަނަ ހާފަށް ނުކުތީ ތިން ބަދަލެއް ގެނެސްގެންނެވެ. މާޒިޔާ އިން ކުޅެން ނެރުނީ، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އިލާން އިމްރާން އަދި، އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) ކުޅެން އެރި އެވެ.
ދެ ވަނަ ހާފުގައި މާޒިޔާގެ ފުރަތަމަ ހަމަލާ ފޮނުވާލީ ހަމްޕު އެވެ. ހަމްޕު ފޮނުވާލި ބޯޅަ ޓީސީ ކުޅުންތެރިއަކު ގައިގައި ޖެހިގައި ހުރަސްދަނޑީގައި ޖެހިފައި އޭރިއާތެރެއަށް އައި ވަގުުތު، ރީބައުންސް ބޯޅައެެއް ސާނޭ ގޯލަށް ފޮނުވާލިއިރު، ކީޕަރު ސުޖަން ވަނީ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އެ ކޯނަރުން ހުރަސްވި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައި، އިލާން ވަނީ މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ.
ޓީސީ އަށް އެއްވަރުކޮށްދޭން މެޗުގެ 76 ވަނަ މިނިޓްގައި، އެ ޓީމުގެ ޑިފެންޑަރު، ހަސަން އީނާޒް ހަމަލާއެއް ފޮނުވާލި އެވެ. މާޒިޔާގެ ކީޕަރު، ޗިކީ ކުރިއަށް އަރައި ހުރި ވަގުތު، ހާފުގެ މެދެއްހާ ހިސާބުން އީނާޒް ޖެހި ޝޮޓް ރަނގަޅު ވަގުތު ފަހަތަށް ޖެހި ކީޕަރު ޗިކީ ބޯޅަ އަތަށް ނެގި އެވެ.
މާޒިޔާގެ ލީޑުފުޅާކޮށްދޭން މެޗުގެ 81 ވަނަ މިނިޓްގައި ސެންޓޭ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ކޯނަރެއްގައި ކުޑައޭރިއާތެރެއިން ސެންޓޭ އަށް ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެ އިރުކޮޅެއް ކުރިން، މާޒިޔާގެ ޕޯޗުގަލް ޑިފެންޑަރު، ލުއިސް އަލްމައިޑާ ބޮލުންޖެހި ބޯޅަ ކީޕަރު ސުޖަން ވަނީ މަތަކޮށްދަ އެވެ.
މެޗުގައި މާޒިޔާ އިން ދެ ވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އަހުމަދު އައިހަމް (ފަތޯ) އެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާތެރެއަށް ވަދެ، ޓީސީ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު އައިހަމް ވަނީ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލީގު ކަޕްގެ މެޗުތައް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ހަވީރު، ޓީސީން ނިއުއާ ކުޅޭއިރު، އެރޭ ކުޅޭ މެޗުގައި، މާޒިޔާ ބައްދަލުކުރާނީ މަހިބަދޫއާ އެވެ.
އެފްއޭއެމް ލީގު ކަޕް: 16 އަހަރުގެ އިލާންގެ ގޯލާ އެކު މާޒިޔާ އިން ޓީސީ ބަލިކޮށްފި އެފްއޭއެމް ލީގު ކަޕް: 16 އަހަރުގެ އިލާންގެ ގޯލާ އެކު މާޒިޔާ އިން ޓީސީ ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ