ށ.ފުނަދޫ އެއާޕޯޓްގައި ބޭނުން ކުރަމުން އަންނަ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މޯލްޑިވިއަން އިން އެ އެއާޕޯޓަށް ފްލައިޓް އޮޕަރޭޓްކުރުން މެދުކަނޑާލައިފިއެވެ.
ފުނަދޫ އެއާޕޯޓްގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ އެ އެއާޕޯޓްގައި ބޭނުން ކުރަމުން އަންނަ ފަޔަރޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެ އެއާޕޯޓަށް މޯލްޑިވިއަނުން ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ފަޔަރޓްރަކަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެކަމަށް ހަތަރު ގަޑިއެއްހާއިރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވުމާއިއެކު މިއަދި އޮޕަރޭޝަން ފެށިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ވެސް އޮފިޝަލު ބުންޏެވެ.
މޯލްޑިވިއަން އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ފުނަދޫ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ފުނަދުއަށް މިއަދު ޝެޑިއުލްކޮށްފައި އޮތް ދަތުރުތައް ކުރެވެން ނެތް ކަމަށެވެ.
ފުނަދުއަށް ދާން މިއަދަށް ޓިކެޓް ނަގައިފައިވާ މީހުންނަށް އެހެން ގޮތެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މީހުންނާ ސީދާ ވާހަކަދައްކައިގެން ހައްލެއް ގެނެސްދޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މޯލްޑިވިއަންއިން ވަނީ އެ މައްސަލައާއި ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދި، އެހީއެއް ބޭނުންވާ ނަމަ 1671އަށް ގުޅުމަށް އެދިފައެވެ.
މޯލްޑިވިއަންއިން ފުނަދުއަށް ދަތުރުތައް ކުރަނީ ހަފުތާއަކު ތިން ދުވަހުއެވެ. ފުނަދޫ ދަތުރުތައް މެދުކެނޑިފައި މިވަނީ އީދު ބަންދުގައި ގިނަބަޔަކު ދަތުރު ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ފަޔަރ ޓްރަކް މައްސަލަޖެހުމުން ފުނަދޫ އެއާޕޯޓްގެ ދަތުރުތައް މެދުކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ